މިއަހަރުގެ މިހާތަނަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް 342 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް އެ ކުންފުންޏަށް ޖުމްލަ 18,366 ޓަނުގެ މަސް ވަނީ ކިރާފައެވެ. އަދި މި މަހަށްވާ ފައިސާގެ ގޮތުގައި މަސްވެރިންނަށް މުޅި ޖުމްލަ 342,751,748 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް މަސްވެރިން އެންމެ ގިނައިން ކިރުވާފައިވަނީ ކަނޑުމަހެވެ. އެގޮތުން ކިރުވި މަހާއި ދޫކުރި ފައިސާގެ ތަފްޞީލަކީ:
ކަނޑުމަސް: 17,540 ޓަނު ކިރާފައިވާއިރު، މަސްވެރިންނަށް ވަނީ 326,293,946 ރުފިޔާ ދޫކޮށްފައެވެ.
ރީނދޫ އުރަހަ ކަންނެލި: 826 ޓަނު ކިރާފައިވާއިރު، އެ ބާވަތުގެ މަހަށް މަސްވެރިންނަށް 16,457,803 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިފްކޯއިން ހާމަކުރި މި ތަފާސްހިސާބުތަކުން ދައްކައިދެނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ ހަރަކާތްތައް ހަލުވިކަމާއެކު ކުރިއަށްދާ މިންވަރާއި، މަސްވެރިން ކިރުވާ މަހަށް ގަވާއިދުން ފައިސާ ދޫކުރެވެމުންދާ ކަމެވެ.