އަންނަ 2027 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި %6.8 އާ ހަމައަށް ހަލުވިމިނެއްގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އަދި އަންނަ އަހަރަށާއި މެދުރާސްތާއަށް ފިސްކަލް ސިޔާސަތުތައް ބައްޓަންކުރާނީ އިޤްތިޞާދީ އޮއިވަރާއި ފިސްކަލް ހާލަތަށް ފުންކޮށް ބަލައި ދިރާސާކުރުމަށް ފަހު ކަމަށް އެ ވުޒާރާއިން ބަޔާންކުރެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދަށް ނަޒަރު ހިންގާއިރު، ކުރިއަށް އޮތް އަހަރު ދުނިޔޭގެ އިޤްތިޞާދީ ދުވެލި ހުންނާނެ ކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން އަންދާޒާކުރަނީ 3.4 އިންސައްތައިގައި ކަމަށެވެ. މީގެއިތުރުން 2025 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 6.3 އިންސައްތައިގައި ހުރި ނަމަވެސް، ހިނގާ 2026 ވަނަ އަހަރު އެ އަދަދު 5.3 އިންސައްތައިގައި ހުންނާނެ ކަމަށް ކުރިން ލަފާކުރެވުނު ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މި އަހަރު ކުރިމަތިވި އިޤްތިޞާދީ ގޮންޖެހުންތަކާ ގުޅިގެން ޤައުމުގެ އިޤްތިޞާދީ ދުވެލި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވީ 2026 ވަނަ އަހަރުގެ އިޤްތިޞާދީ ކުރިއެރުން ހުންނާނެ ކަމަށް މިހާރު ލަފާކުރެވެނީ 0.6 އިންސައްތައާއި 1.8 އިންސައްތައާ ދެމެދުގައި ކަމަށެވެ.
އެހެންނަމަވެސް ކުރިއަށް އޮތް އަހަރު އިޤްތިޞާދު އަލުން އާރާސްތުވާނެ ކަމުގެ އުންމީދު އޮތްކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، "ހަނގުރާމައިގެ ކުރީގެ ހާލަތަށް ރުޖޫއަވެ، 2027 ވަނަ އަހަރު އިޤްތިޞާދީ ދުވެލި 3.9 އިންސައްތައާ 6.8 އިންސައްތައާ ދެމެދުގެ ހަލުވިމިނެއްގައި ކުރިއަރައިގެންދާނެ ކަމަށް އަންދާޒާކުރެވޭ" ކަމަށެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު 1.0 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މާލީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، 2027 ވަނަ އަހަރަށް ހުށަހެޅި ބަޖެޓަކީ އިޤްތިޞާދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށް އިސްކަންދީގެން ތައްޔާރުކޮށްފައިވާ ބަޖެޓެކެވެ. މީގެއިތުރުން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓުމަންޓުތަކަށް އިސްކަންދީގެން ޤައުމީ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަކީ މި ބަޖެޓުގެ މައިގަނޑު އެއް އަމާޒެވެ.