ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފުޅާކުރަން އަންނަ އަހަރުގެ ބަޖެޓުން ޚާއްސަ އިސްކަމެއް ދޭނެ: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ފުޅާކުރަން އަންނަ އަހަރުގެ ބަޖެޓުން ޚާއްސަ އިސްކަމެއް ދޭނެ: މާލީ ވަޒީރު

ތިމާގެ ވަށައިގެންވާ މުޖުތަމަޢަށް އިހްތިރާމްކޮށް، ޤައުމު ދެކެ ލޯބިވާ އަދި އަޚްލާޤީގޮތުން ވަރުގަދަ ދަރިންތަކެއް ބިނާކުރުމަކީ ޤައުމުގެ ކުރިމަގަށް އެޅޭނެ އެންމެ މުހިންމު ބިންގާ ކަމަށާއި، މި އަމާޒަށް ވާސިލުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ "ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް" އަންނަ އަހަރުގެ ބަޖެޓުން އިތުރަށް ފުޅާކުރައްވާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން މާލީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ލޯތްބާއި ރިވެތި އަޚްލާޤުގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ޖީލެއް ބިނާކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް ކުރިއަށްވުރެ ފުޅާ ދާއިރާއެއްގައި ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޚާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" މުޅި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގުމުގެ މަސައްކަތްތައްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، "ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް ރިވެތި އަޚްލާޤާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ މަތިވެރި އާދަކާދަތައް އަލުން ދިރުވައި އާލާކުރުމަށްޓަކައި އެމަނިކުފާނު މި ދެއްވާ ޚާއްޞަ އިސްކަމަކީ، ހަޤީޤަތުގައިވެސް ވަރަށް އަގުހުރި އަދި މުޖުތަމައަށް ވަރަށް ބޭނުންތެރި ކަމެއް" ކަމަށެވެ.

ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށްޓަކައި ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަކީ ކޮންމެ ސަރުކާރެއްގެވެސް އެންމެ އިސް ޒިންމާކަން ފާހަގަކުރައްވަމުން، ރަށްރަށުގެ އަމަންއަމާންކަން ބެލެހެއްޓުމަށްޓަކައި ރީޖަންތަކުގައި ޤާއިމުކުރަމުންދާ ފުލުހުންގެ މަރުކަޒުތަކުން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުމަށްވެސް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިއަދު އޮންލައިން