ރަސްމާލެ މަޝްރޫއުއިން ރައްޔިތުންނަށް ލިބޭނީ ފައިދާ، ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ރަސްމާލެ މަޝްރޫއުއިން ރައްޔިތުންނަށް ލިބޭނީ ފައިދާ، ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް: ރައީސް

ރަސްމާލޭގައި އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދަން ނިންމާފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއަކީ ރައްޔިތުން ކަންބޮޑުވާން ޖެހޭ ފަދަ ކަމެއް ނޫން ކަމަށާއި، އެކަމުން ރައްޔިތުންނަށް ލިބޭނީ ފައިދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެމީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިފަދަ ރިއަލް އެސްޓޭޓް މަޝްރޫއުތައް ރެގިއުލޭޓުކުރުމަށްޓަކައި ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ. އަދި އެ ބިލުގެ މަސައްކަތް ކުރިއަށްދާއިރު، ރައްޔިތުންގެ މަޖިލީހުން ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަންދޫބުން ތިއްބަވަނީ ރައްޔިތުންގެ މަޖިލީހުގައި ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މަޖިލީހަށް އެއްބަސްވުން ފޮނުވުމަކީ ރައްޔިތުންނާ އެއްބަސްވުން ހިއްސާކުރުން ކަމަށެވެ. އެގޮތުން އީގަލް ހިލްސްއާއި ސަރުކާރުގެ މެދުގައި ވެވޭ އެއްބަސްވުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދާއިމީ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް ވެސް އެ މަނިކުފާނު ހާމަކުރެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ރާއްޖޭގެ ރިސޯޓުތަކުގައި ކަންކަން ހުއްދަވާ މިންވަރަށް ވުރެ ވެސް މި މަޝްރޫއުގެ ކަންކަން މާ ބޮޑަށް ހަނިކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އެ ތަނުގައި ރަލާއި އޫރުމަސް ނުވިއްކޭނެ ކަމަށާއި، ފަސް ވަގުތު ބަންގިގޮވާނެ މިސްކިތެއް އެ ސަރަހައްދުގައި ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.

ކަންކަމުގެ ހަގީގަތް އޮޅުވާލުމަށް ބައެއް ސިޔާސީ ވެރިން ދައްކަވާ ވާހަކަތަކަށް ސަމާލުކަން ނުދެއްވުމަށް އެދިވަޑައިގަންނަވަމުން ރައީސް ވިދާޅުވީ، އެ މަނިކުފާނު ބޭނުންފުޅުވަނީ ކަންކަމުގެ ދެފަރާތް ބަލައި ހަގީގަތް ހޯދަން މަސައްކަތްކުރާ ރައްޔިތުންނަށް ތެދު މައުލޫމާތު ބަޔާންކޮށްދެއްވައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށްގެންދަވަން ކަމަށެވެ.

މިއަދު އޮންލައިން