މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަމާއި ރައްޔިތުންގެ ފުދުންތެރިކަން ކަށަވަރުކުރުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމަކީ އެންމެ މުހިންމު ދެ ސިނާއަތް ކަމަށެވެ.
މިގޮތުން މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު، 2027 ވަނަ އަހަރުގެ ތެރޭގައި އިތުރު އެގާރަހާސް ހަތަރުސަތޭކަ ޓަނުގެ ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢުތައް ކުރިއަށްދާނެ ކަމަށެވެ. އަދި މެރިކަލްޗަރ ފުޅާކުރުމަށް ރޭވިފައިވާއިރު، ދުވާލަކު އިތުރު 550 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރޭގައި ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން ބަހައްޓާ އައިސްޕްލާންޓްތައްވެސް ހިމެނެއެވެ.
ހުޅުމާލޭގައި އަލަށް ޤާއިމުކުރެވޭ ބޮޑުކަންނެލި ޕެކިންގ ފެސިލިޓީގެ ސަބަބުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ސީދާ ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް، "ފުޑް ސެކިއުރިޓީ" އަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ކަންކަން އިތުރަށް ހަރުދަނާކުރުމަށް މި ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ.
ރާއްޖޭގެ ފަސްގަނޑުގައި ފަސޭހަކަމާއެކު ހެއްދޭ ބާވަތްތައް ބޭރުން އެތެރެކުރުން ހަރުދަނާ ނިޒާމެއްގެ ތެރެއިން ކޮންޓްރޯލްކޮށް، ދިވެހި ދަނޑުވެރިން ކުރާ ބުރަ މަސައްކަތުގެ އުފެއްދުންތަކަށް ހައްޤުވާ ހަމަ އަގު ފުރިހަމައަށް ކަށަވަރުކޮށްދެވޭނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ހަބަރު: ސަރުކާރު