ދިވެހި ޒުވާނުންނަކީ ވަޒީފާ ހޯދާ މީހުންގެ ބަދަލުގައި ވަޒީފާ އުފައްދާ ބަޔަކަށް ހެދުމަށްޓަކައި، އެސް.އެމް.އީ ސްޓާޓަޕް ތަކަށް ބޭނުންވާ ފަންޑު ފޯރުކޮށްދިނުން 2027 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމެނިފައިވާނެކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު، ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން ވަޒީރު ދެއްކެވި ވާހަކަފުޅުގައި، މިއީ އަމިއްލަ ފައިމައްޗަށް ތެދުވާ، އުފެއްދުންތެރި ޒުވާން ވިޔަފާރިވެރިންގެ ޖީލެއް ބިނާކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މައިބަދަ ކަމަށްވާއިރު، ދިވެހި ކޮންމެ ކުޑަ ވިޔަފާރިއެއްގެ ފަހަތުގައި ހުންނާނީ، އުޖާލާ މުސްތަޤުބަލެއް ބިނާކުރުމުގެ ނިޔަތުގައި، އަދި ރާއްޖޭގެ އިޤްތިސާދުގެ ދުވެލި ހަލުވިކޮށްދޭނެ އަޒުމެއްގައި ހުރި ދިވެއްސެއް ކަމަށެވެ. އެހެންކަމުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެ، ޓެކުހަށް ކޮމްޕްލައިވުމަށް ކުރިމަތިވާ ބުރަ ލުއިކޮށްދިނުމަށާއި، އެ ވިޔަފާރިތައް ކުރިއަރައި، އިގުތިސާދުގައި އެ ފަރާތްތަކުގެ ދައުރު ފުޅާކުރުމުގެ މަގުސަދުގައި، 01 ޖަނަވަރީ 2027 އިން ފެށިގެން އަމަލުކުރާގޮތަށް، ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކުރަންޖެހޭ އަހަރީ އާމްދަނީގެ ތްރެޝްހޯލްޑް 1 މިލިއަން ރުފިޔާއިން 1.5 މިލިއަން ރުފިޔާއަށް ބޮޑުކުރުމަށް ނިންމަވާ ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އިއުލާނު ކުރައްވާފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަބަރު: ސަރުކާރު