"ވަރަ އެކްސްޕޯ 2026"ގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިސޯރޓްސް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 56ސ
"ވަރަ އެކްސްޕޯ 2026"ގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިސޯރޓްސް!

"ވަރަ އެކްސްޕޯ 2026"ގެ ޕްލެޓިނަމް ޕާޓްނަރަކަށް ސަން ސިޔާމް ރިސޯރޓްސް ހަމަޖައްސައިފިއެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދީ، ހުނަރު ތަރައްޤީކުރުމުގެ މަޤްޞަދުގައި ބޭއްވޭ "ވަރަ އެކްސްޕޯ 2026"ގެ އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނަރ އަދި މެއިން ސްޕޮންސަރެއްގެ ގޮތުގައި ރާއްޖޭގެ މަޝްހޫރު ސަން ސިޔާމް ރިސޯރޓްސް ހަމަޖައްސައި، އެކަމުގެ ފަހުމުނާމާގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މި ފަހުމުނާމާގައި ސަން ސިޔާމް ރިސޯރޓްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ގްރޫޕް ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޒުލައިޚާ މަނިކެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޑރ. ޢަބްދުﷲ ނަޒީރެވެ.

މި އެއްބަސްވުމުގެ ދަށުން ސަން ސިޔާމުން ވެދެއްވާ ދީލަތި އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް، ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯގައި ސަން ސިޔާމަށް ވަނީ ޚާއްޞަ އިމްތިޔާޒުތަކަކާއި ފުރުޞަތުތަކެއް ފަހިކޮށްދިނުމަށް ހަމަޖެހިފައެވެ.

އެގޮތުން އެކްސްޕޯގެ ހުރިހާ ޑިޖިޓަލް ކެމްޕޭންތަކުގައްޔާއި، މިނިސްޓްރީގެ ރަސްމީ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ސަން ސިޔާމަކީ މައި ސްޕޮންސަރުގެ ގޮތުގައި އިޝްތިހާރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ވަރަ އެކްސްޕޯ 2026" އަންނަ ނޮވެންބަރު މަހުގެ 26 އިން 28 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އެކްސްޕޯއަކީ ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

މިއީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކާއި، މުހިންމު ހުނަރުތަކުގެ އިތުރުން އުފެއްދުންތެރިކަން ދައްކާލުމަށް ބާއްވާ މިފަދަ އެންމެ ބިޔަ އެކްސްޕޯއެވެ.

މި އެކްސްޕޯ ވެގެންދާނީ ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން އެދޭ ފަރާތްތައް އެއް ތަނަކުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ މުހިންމު މަޢުލޫމާތުތައް ޙިއްޞާކުރުމަށް ލިބޭ އަގުހުރި ފުރުޞަތަކަށެވެ.

"ވަރަ އެކްސްޕޯ" ގުޅޭ އެންމެފަހުގެ މަޢުލޫމާތު www.varaexpo.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ހަބަރު: ސަރުކާރު

މިއަދު އޮންލައިން