އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް 9.4 ބިލިޔަން ރުފިޔާ އަށް އަރާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ދެއްވި ބަޔާނުގައެވެ.
ވަޒީރު ވިދާޅުވީ، މި ހިނގާ އަހަރު ނިމޭއިރު ދައުލަތުގެ ބަޖެޓުގެ އޯވަރޯލް ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރެވެނީ 7.6 ބިލިޔަން ރުފިޔާ ގައެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން ނުވަތަ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 6.2 އިންސައްތަ އެވެ. އަދި އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް 9.4 ބިލިޔަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭއިރު، އެއީ ޖީޑީޕީގެ ނިސްބަތުން 7.3 އިންސައްތަ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި އަހަރު ޖީޑީޕީގެ ނިސްބަތުން ޕްރައިމަރީ ބެލެންސް 2.5 އިންސައްތަ ގައި ހުންނާނެ ކަމަށް ބެލެވުނު ނަމަވެސް، އަންނަ އަހަރު ނިމެންވާއިރަށް އެ އަދަދު 3.4 އިންސައްތަ އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ބަޖެޓުގެ ތަފުސީލުތައް ހާމަކުރައްވަމުން ވަޒީރު ވަނީ ދައުލަތުގެ ސީދާ ދަރަންޏާ ގުޅޭގޮތުން ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު އަމާޒުތަކެއްވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، 2027 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ސީދާ ދަރަނި 117 އިންސައްތަ ގައި ހުންނާނެ ކަމަށް ލަފާކުރެވޭއިރު، 2028 ވަނަ އަހަރު އެ އަދަދު 116.3 އިންސައްތަ އަށް ތިރިވާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި 2029 ވަނަ އަހަރަށް ދަރަނި 107.9 އިންސައްތަ އަށް ދަށްކުރުމުގެ އަމާޒު މި ބަޖެޓުގައި ވަނީ ކަނޑައަޅާފައެވެ.
މި މަސައްކަތްތަކުގެ މައިގަނޑު މަޤުޞަދަކީ 2028 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ އޯވަރޯލް ބެލެންސް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 5 އިންސައްތަ އަށް ދަށްކުރުމެވެ. މީގެ އިތުރުން، 2028 ވަނަ އަހަރު އަންނަންވާއިރަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ޚަރަދުވެސް ޖީޑީޕީގެ ނިސްބަތުން 7 އިންސައްތައަށް ކުޑަކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބައިނަލްއަޤުވާމީ މަސްރަހަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ދައުލަތުގެ ބަޖެޓަށް ބޮޑެތި އަސަރުތަކެއް ކުރިމަތިވި ނަމަވެސް، މި ހިނގާ އަހަރުގެ ބަޖެޓު ޑެފިސިޓް ފާސްކުރި މިންވަރުގައި ހިފެހެއްޓޭނެ ކަމަށް ބެލެވޭ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މިކަމުގެ މައިގަނޑު ސަބަބަކީ ދައުލަތުގެ ބަޖެޓު ތަންފީޒުކުރުމުގައި މިހާރު އަމަލުކުރަމުންދާ ހަރުދަނާ އުސޫލުތަކާއި ފިޔަވަޅުތައް ކަމަށާއި، އަންނަ އަހަރުވެސް މި ފިޔަވަޅުތައް މެދުނުކެނޑި ދަމަހައްޓަމުން ގެންދާނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވިއެވެ.