ޢިލްމީ ސަނަދަކާއެކު ދަރިވަރުންގެ ތަޢުލީމީ ޙަޔާތް ނިމުނީ ކަމަށް ނުދެކުމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް (ވަޒީރު ޤީލާ ޢަލީ) އިލްތިމާސްކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ވަޒީރުގެ ވާހަކަފުޅުގައި، ދަރިވަރުން ކިޔެވުމުގައި ދިގު މުއްދަތެއް ހޭދަކޮށް، އެކި ގޮންޖެހުންތަކާއި ހުރަސްތައް ގިރާކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެ ދަތުރުން ލިބުނު އަގުހުރި ފިލާވަޅުތަކުގެ އަލީގައި، ޢަމަލީ މައިދާނަށް ނުކުމެ މަސައްކަތްކުރުމަށް ހުރިހާ ދަސްވެނީންނަށް އެކަމަނާ ހިތްވަރުދެއްވިއެވެ.
މަސައްކަތުގެ މާހައުލަކީ ހަލުވިކަމާއެކު ބަދަލުވަމުންދާ ތަނެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޓެކްނޮލޮޖީއާއެކު އުނގެނުމާއި މަސައްކަތުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އެހެންކަމުން، ދަސްކުރާ އެއްޗެއްގެ ފުރިހަމަ ބޭނުން ހިފޭނީ އުނގެނުން މެދުކަނޑާނުލައި، އަމިއްލަ ނަފްސު ތަރައްޤީކުރަން އަބަދުވެސް މަސައްކަތްކޮށްގެން ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ޢިލްމާއި ހުނަރާ އެކުގައި ރަނގަޅު އަޚްލާޤެއް ހުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ޢިލްމީ ޤާބިލުކަން އިމްތިޙާނުކުރާ ފަދައިން، ތިމާގެ ސުލޫކާއި އަޚްލާޤު އިމްތިޙާނުކުރެވޭނެ އެތައް ދަނޑިވަޅެއް ޢަމަލީ މައިދާނުގައި ކުރިމަތިވާނެ ކަމަށެވެ.
"މަކަރާ ހީލަތާ ދިމާވިޔަސް ތެދުވެރިކަން އިޚްތިޔާރުކުރަންވާނެ. އަމިއްލަ ޒިންމާ އުފުލުން އިސްކުރަންވާނެ،" ވަޒީރު ވިދާޅުވިއެވެ.