ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފި

ތިން އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ސާބިތުވެ، ދިވެހި ފިރިހެނަކު 18 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެ ޖަލަށްލުމަށް ހޯމަ ދުވަހު ހުކުމްކޮށްފައިވަނީ ހއ. ހޯރަފުށި، ހުދުހުދާގެ، މުޙައްމަދު ނާއިޝް އާދަމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއެވެ.

މި ދަޢުވާގައި ދައުލަތުން ބަޔާންކޮށްފައިވަނީ ޖޫން 2025 އިން ފެށިގެން އެކި ދުވަސްމަތިން، ތިން އަހަރުގެ ކުޑަކުއްޖަކަށް ނާއިޝް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ބަލައިދިނުމަށް އެދި ޝަރީޢަތަށް ހުށަހަޅާފައިވަނީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 14 ވަނަ ދުވަހުއެވެ.

މި މައްސަލައިގެ ޝަރީޢަތް ބެލުމަށްފަހު ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ވަނީ، އޭނާގެ މައްޗަށް ދައުލަތުން އުފުލި ކުށް އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައަޅައިފައެވެ. އެހެންކަމުން އެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅިއެވެ.

މި މައްސަލައިގެ ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ހުރި މުއްދަތު ޖަލު އަދަބުގެ ޖުމްލަ މުއްދަތުން އުނިކުރުމުން، އޭނާ ތަންފީޒުކުރަން ޖެހޭނީ 18 އަހަރާއި، ހަތް މަހާއި 28 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ކޯޓުގެ ޙުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

މިއަދު އޮންލައިން