ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފަހި މާހައުލެއް ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ފަހި މާހައުލެއް ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފަހި މާހައުލެއް ޤާއިމުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސް މި ޔަޤީންކަން ދެއްވީ ސަރުކާރުން އާންމުކުރި "ރައްޔިތުންގެ އަޑު" ސިލްސިލާ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ ޒުވާނަކާއި އޭނާގެ މަންމަ ވަނީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކޮށް، އެފަދަ ފަރާތްތަކަށާއި ކުދިންނަށް ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. ވަކިން ޚާއްސަކޮށް، ވަޒީފާ ހޯދުމުގައި ކުރިމަތިވާ ދަތިތަކުގެ ތަފުސީލު އެ ފަރާތުން ރައީސަށް އެރުވިއެވެ.

އެގޮތުން ތައުލީމީ ގޮތުން ފުރިހަމަވާންޖެހޭ ހުރިހާ ޝަރުތެއް ހަމަވި ނަމަވެސް، ބައެއް ތަންތަނުން ވަޒީފާ ދިނުމުގައި ފަސްޖެހޭކަން އެ ޒުވާނާ އާއި މަންމަ ފާހަގަކުރިއެވެ. މީގެއިތުރުން، ބައެއް ތަންތަނުން އިންޓަވިއުއަށް ގެންދިއުމަށްފަހު ފަހުން އެއްވެސް ޚަބަރެއް ނުވާ މައްސަލަވެސް ރައީސްގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

އެ ޝަކުވާތަކާ ގުޅިގެން ރައީސް ވިދާޅުވީ، އެއީ އެކަން ހިނގައިގެންވާނެ ގޮތް ނޫން ކަމަށާއި އެފަދަ މައްސަލަތައް ސަރުކާރުން ވަރަށް ގާތުން ބައްލަވާނެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، އެ ފަރާތްތަކަށް ހުރި ހުރަސްތައް ނައްތާލައި، ފަހި މާހައުލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އިތުރަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން