އިމާމުންނަށް ތަމްރީނާއި ސްކޮލަރޝިޕް ފުރުޞަތު ހޯއްދަވައިދެއްވުމަށް ރާއްޖެއާއި ކުވޭތުން މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިމާމުންނަށް ތަމްރީނާއި ސްކޮލަރޝިޕް ފުރުޞަތު ހޯއްދަވައިދެއްވުމަށް ރާއްޖެއާއި ކުވޭތުން މަޝްވަރާކޮށްފި

ދިވެހިރާއްޖޭގެ އިމާމުންނާއި ދީނީ މުއައްސަސާތަކުގެ މުވައްޒަފުންނަށް މަތީ ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ކުވޭތުގެ މިނިސްޓަރ އޮފް އެންޑައުމަންޓްސް އެންޑް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު އިބްރާހީމް މުޙައްމަދު އަލްވަޞްމީއާ މަޝްވަރާކުރައްވައިފިއެވެ.

ކުވޭތުގެ މިނިސްޓްރީ އޮފް އައުޤާފް އެންޑް އިސްލާމިކް އެފެއާޒުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އިސްލާމީ ދާއިރާއިން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ޚާއްޞަކޮށް ދީނީ ޚިދުމަތްތެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

އެގޮތުން، ރާއްޖޭގެ އިމާމުންގެ ޢަރަބި ބަހުގެ ޤާބިލުކަމާއި ފަންނީ ހުނަރުވެރިކަން ކުރިއެރުވުމަށްޓަކައި ޚާއްޞަ ޢަރަބި ބަހުގެ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމުގެ ފުރުޞަތުތަކާ ބެހޭގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުން، އިސްލާމީ ވަޤުފްތައް ތަރައްޤީކުރުމާއި މީހުން ބިނާކުރުމުގެ ދާއިރާއިން ކުވޭތުން ހޯދާފައިވާ ތަޖުރިބާތައް ރާއްޖެއާ ހިއްސާކުރުމަށާއި، ރާއްޖޭގެ އައުޤާފް ބިލު އެކުލަވާލުމުގައި ކުވޭތުގެ ފަންނީ އަދި ޕްރޮފެޝަނަލް މާހިރުންގެ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މިއަދު އޮންލައިން