ކެތްތެރިކަމުގެ އެންމެ ފައިދާހުރި ދަރަޖައަށް ވާޞިލުވާން ބޭނުން ހެއްޔެވެ؟ ޔަޤީނުންވެސް ދެދުނިޔެވެސް ކާމިޔާބުކުރެވޭނެއެވެ! އިން ޝާ ﷲ

ކިޔުމަށް ހޭދަވާނީ 2މ 38ސ
ކެތްތެރިކަމުގެ އެންމެ ފައިދާހުރި ދަރަޖައަށް ވާޞިލުވާން ބޭނުން ހެއްޔެވެ؟ ޔަޤީނުންވެސް ދެދުނިޔެވެސް ކާމިޔާބުކުރެވޭނެއެވެ! އިން ޝާ ﷲ

މަރްޔަމް ސާޖިދާ

 

ދެދުނިޔޭގެ ޙަޔާތް ބާއްޖަވެރިކުރުމަށް އެދޭ މީހާގެ ކިބައިގައި ހުރުން ކޮންމެހެން ލާޒިމް އެއް ސިފައަކީ ކެތްތެރިކަން، الصبر  ގެ މަތިވެރި ސިފައެވެ. ދިރިއުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި، ހިތްދަތި ވަގުތުތަކުގައި ނަފްސު ކޮންޓްރޯލްކޮށް، ސާބިތުކަމާއިއެކު ކުރިއަށް ދިއުމުގެ ބާރަކީ ކެތްތެރިކަމެވެ.  

ހަމައެހެންމެ، ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ ކަންތައްތަކުން ނަފްސު ހިފަހަށްޓައި، ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންގަތުމުގައި ނަފްސް ސާބިތުކޮށް އަދި ދިމާވާ މުޞީބާތްތަކުގެ ވަގުތުގައި ޝަކުވާކުރުމެއްނެތި ﷲ ގެ މިންވަރުފުޅަށް ރުޙުމުގައި ކެތްތެރިވެއްޖެ ނަފްސަކަށް މެނުވީ އާޚިރަތުގެ ޙަޔާތް ބާއްޖަވެރި ނުކުރެވޭނެއެވެ.  

ކީރިތި ޤުރުއާނުގައި 90 އަށްވުރެ ގިނަ ފަހަރު ކެތްތެރިކަމުގެ ވާހަކަ ބަޔާންކުރައްވާފައިވުމުން ކެތްތެރިކަމުގެ މުހިންމުކަން ހާމަވެގެންދެއެވެ. އެގޮތުން ޚާއްޞަ ގޮތެއްގައި މި ބަލާލަނީ، ފާފަތަކުން ނަފްސު ހިފެހެއްޓުމުގައި ކެތްތެރިކަމުގެ މުހިންމުކަމުގެ މައްޗަށެވެ.  

ފާފަތަކުން ނަފްސު ހިފެހެއްޓުމުގައި ކެތްތެރިވުމަކީ، ކެތްތެރިކަމުގެ ބައިތަކުގެ ތެރެއިން، އެންމެ މަތިވެރި އަދި އެންމެ ބޮޑު ޖިހާދެއް ބޭނުންވާ އެއް ބައެވެ. މިއީ، އިންސާނާގެ ހިތާއި ނަފްސަށް އަންނަ އެދުންތަކާއި، ޝައިޠާނާގެ ވަސްވާސްތަކަށް "ނޫނެކޭ" ބުނެ، ﷲ ތަޢާލާ ޙަރާމްކުރެއްވި ކަންކަމުން ދުރުހެލިވުމަށް ކުރެވޭ ހަނގުރާމައެކެވެ.

މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ވަށައިގެންވަނީ ފާފަތަކާއި ފިތުނަތައް ފެތުރިފައެވެ. ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ސަބަބުން، އަޅުގަނޑުމެން މިތިބީ "އެންމެ ކްލިކް" އަކުންވެސް ފާފައަކާއި ހަމައަށް ވާޞިލުވެވޭފަދަ ޒަމާނެއެއްގައެވެ. މިފަދަ ވެށްޓެއްގައި ނަފްސު ހިފެހެއްޓުމަށްޓަކައި ހަމަޔަޤީނުންވެސް ވަރަށް ބޮޑު ކެތްތެރިކަމަކާއި ހިތްވަރެއް ބޭނުންވެއެވެ.

މިއަދުގެ މުޖުތަމަޢުގައި އެންމެ ބޮޑު ގޮންޖެހުމަކީ ފާފަތައް "ނޯމަލައިޒް"ވެ، އެއީ އެއްވެސް ކަމެއް ނޫންކަމުގައި މީހުން ދެކެން ފެށުމެވެ. އެންމެން ކުރާތީ އެއީ ރަގަޅުކަމެއް ނުވަތަ އާދައިގެ ކަމެއް ކަމަށް ހީވުމަކީ، ޝައިޠާނާގެ އެންމެ ބޮޑު އެއް މަގުފުރެއްދުމެވެ. އެހެންކަމުން، މިފަދަ ކަމަކަށް ދަޢުވަތު ދެވިއްޖެނަމަ، އަޅުގަނޑުމެންގެ ކިބައިގައި ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަންޖެހޭނެއެވެ. މުޅި ދުނިޔޭގެ އެންމެން ކުރި ނަމަވެސް، މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަމެއް ޙަލާލެއް ނުވާނެއެވެ.  

ފާފަތައް ވަނީ ޒީނަތްތެރިކުރެވިގެންނެވެ. ފާފަތަކަށް އަރައިގަތުން ފަސޭހަވެފައެވެ. ޙަލާލް ކަންތައްތައް އުނދަގޫވެފައެވެ. މިސާލަކަށް ބަލަމާ ހިނގާށެވެ. ކައިވެނީގެ ކުރިން އަންހެން ކުދިންނާއި ފިރިހެން ކުދިން ރައްޓެހިވެގެން އެކީގައި އުޅުމަކީ މިއަދުގެ މުޖުތަމަޢުގައި ވަރަށް "ނޯމަލް" ކަމެކެވެ. ފަސޭހަކަމެކެވެ. ނަމަވެސް، ޙަލާލް ގޮތުގައި ކައިވެނި ކުރުން މިއަދުގެ މުޖުތަމަޢުގައި ވެފައިވަނީ ކިހާ ޚަރަދު ބޮޑު ކަމަކަށް ހެއްޔެވެ.  

މާތްﷲ އަށް ބިރުވެތިވެ، އެކަލާނގެ ރުހުން ހޯދުމަށްޓަކައި، ފާފަތަކުގެ ވަގުތީ ޒީނަތްތެރިކަމަށް ނުހެއްލި، އެފަދަ ކަންކަމުން ނަފްސު ކޮންޓްރޯލް ކުރެވޭނީ ވަރަށް ކެތްތެރި، ހިތްވަރުގަދަ މީހަކަށެވެ. އެމީހަކަށް އޮތީ ނުހަނު އުފާވެރި ޚަބަރެވެ. އެހެނީ، ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ، "..ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ. (10)"

 

- މިއަދުނޫސް

 

މިއަދު އޮންލައިން