މުސްލިމް އަޚުންނޭވެ! އަހަރެމެން އެންމެން ވެސް ދަންނަފަދައިން، އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުންނެވެ. އެހެންކަމުން، މި ޢާއިލާތައް ހަރުދަނާކުރެވިގެން މެނުވީ، ހަރުދަނާ މުޖުތަމަޢެއް ބިނާނުކުރެވޭނޭކަން ދަންނާން ޖެހެއެވެ. މިއަދު އަހަރެމެން އެންމެންގެ ވެސް ޝަކުވާއަކީ، މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު، ދުވަހުންދުވަހަށް ދަށްވާ ވާހަކައެވެ. ޢާއިލާގެ ތެރޭގައި އޮންނާންވާ ގުޅުންތައް ނޯންނަ ވާހަކައެވެ. ޢާއިލާތައް ރޫޅި ވިއްސިވިހާލިވާ ވާހަކައެވެ. މި ކަންތައްތައް އިޞްލާޙުކުރާން މަސައްކަތްކުރާން ވެއްޖެ ވާހަކައެވެ. މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ، ބޮޑުވަމުން އަންނަ އަހަރެމެންގެ ދަރީން ތަރުބިޔަތުކުރެވޭ ގޮތެވެ. އެ ދަރީންނަށް ދެވޭ ތަޢުލީމެވެ.
މުސްލިމް އަޚުންނޭވެ! ކޮންމެ އިންސާނަކުމެ މި ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. އިސްލާމްދީންމަތީގައެވެ. އިސްލާމްދީނުގައި ގާތްތިމާގެ ކަމުގެ ގުޅުން ބަދަހިކުރާން އަންގަވައެވެ. ނަމަވެސް އެ ކުއްޖާ އެކި ގޮތްގޮތަށް ބައްޓަންވަނީ އެ ކުއްޖާއަށް ދެވޭ ތަޢުލީމަކާއި ތަރުބިޔަތުންނެވެ. އެ ކުއްޖާ ގެންގުޅެ ބޮޑުކުރެވޭ ގޮތަކުންނެވެ. މި ކަން ބަޔާންކުރައްވައި ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ مَوْلُوْدٍ إِلَّا يُوْلَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يـُمَجِّسَانِهِ)[1] މާނައީ: "ފިޠުރަޠުގެ ސާފުކަންމަތީގައި މެނުވީ އެއްވެސް ކުއްޖަކު ދުނިޔެއަށް އުފަންނުވެއެވެ. ފަހެ، އެ ކުއްޖާ ޔަހޫދީއަކަށް ނުވަތަ ނަޞްރާނީއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެ ކުއްޖާގެ މައިންބަފައިންނެވެ." މައިންބަފައިންނާއި ބަލަދުވެރީންނާއި ބެލެނިވެރީން ތުއްތު ކުދީން ގެންގުޅެ ބޮޑުކުރާ އިރު، ދީނީ ކަންކަން ދަސްކޮށްދިނުމުގެ އިތުރަށް، އެ ކުދީންގެ މައިންބަފައިންނަށް ކިޔަމަންގަނެ ކަމޭހިތުމަށާއި ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރާން ދަސްކޮށްދޭން ޖެހޭނެއެވެ. އެ ކުދީންގެ ތިމާގެ މީހުންނަކީ ކޮބައިކަން ބުނެދޭން ޖެހޭނެއެވެ. އެ ކުދީން ރަޙިމުގެ ގޮތުން ގުޅިފައިވަނީ ކޮންބަޔަކާކަން އަންގައިދޭން ޖެހޭނެއެވެ.
މުސްލިމް އަޚުންނޭވެ! އިސްލާމްދީނުގައި ދަމަހައްޓާން އަންގަވައިފައިވާ ޢާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަޙިމުގެ ގުޅުމެވެ. ރަޙިމުގެ ގުޅުމަށް ނަންދެއްވައިފައިވަނީ، ﷲ تَعَالَىގެ އިސްމުފުޅު "الرَّحْمَـٰن"އާ ގުޅުވައިގެންނެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ﷲ تَعَالَى ވަޙީކުރައްވައިފައިވާކަމަށް އައިސްފައި ވެއެވެ. (أَنَا الرَّحْمَـٰنُ وَهِيَ الرَّحِمُ، شَقَقْتُ لَهَا اسْـمًا مِنِ اسْـمِيْ، مَنْ وَصَلَهَا وَصَلْتُهُ، وَمَنْ بَتَرَهَا بَتَـرْتُهُ)[2] މާނައީ: "ތިމަން ރަސްކަލާނގެއީ "އައްރަޙްމާނު"އެވެ. އޯގާވަންތަ ރަސްކަލާނގެއެވެ. އަދި އެއީ ރަޙިމުގެ ގުޅުމެވެ. ގާތްތިމާގެކަމުގެ ގުޅުމެވެ. ރަޙިމުގެ ގުޅުމަށް ޓަކައި ތިމަންރަސްކަލާނގެ ނަންފުޅުތަކުން ނަމެއް ކަނޑައެޅުއްވީމެވެ. ފަހެ އެ ގުޅުން ނުކަނޑައި، ދަމަހައްޓައިފި މީހަކާ ތިމަން ރަސްކަލާނގެ ގުޅުން ޤާއިމުކުރައްވާހުށީމެވެ. އަދި އެ ގުޅުން ކަނޑައިފި މީހަކާ ތިމަން ރަސްކަލާނގެ ގުޅުން ކަނޑުއްވައި ވަކިކޮށްލައްވައިފާހުށީމެވެ." މި ފަދަ އެހެން ޙަދީޘެއްގައި އައިސްފައި ވެއެވެ. (إِنَّ اللهَ خَلَقَ الْخَلْقَ، حَتَّى إِذَا فَرَغَ مِنْ خَلْقِهِ قَالَتِ الرَّحِمُ: هَـٰذَا مَقَامُ الْعَائِذِ بِكَ مِنَ الْقَطِيْعَةِ، قَالَ: نَعَمْ، أَمَا تَرْضَيْنَ أَنْ أَصِلَ مَنْ وَصَلَكِ، وَأَقْطَعَ مَنْ قَطَعَكِ؟ قَالَتْ: بَلَى، يَا رَبِّ! قَالَ: فَهُوَ لَكِ)[3] މާނައީ: "ހަމަކަށަވަރުން ﷲ تَعَالَى މަޚްލޫޤުން ހެއްދެވިއެވެ. އެކަލާނގެ ޚަލްޤުތަކުންގެ ޚަލްޤުކުރެއްވުމުން އަވަދިވެވޮޑިގަތުމުން ރަޙިމު ދެންނެވިއެވެ. "މިއީ ރަޙިމުގެ ގުޅުން ކަނޑައިލުމުން ކަލާނގެ ޙަޟުރަތުގައި ރައްކާތެރިކަމަށް އެދި އާދޭސްކުރާ މީހާގެ މަޤާމެވެ." އެކަލާގެ وحيކުރެއްވިއެވެ. "އާނއެކެވެ! ތިބާއާ ގުޅުން ބަދަހިކުރި މީހަކާ ތިމަންރަސްކަލާނގެ ގުޅުން ޤާއިމުކުރައްވައި، ތިބާއާ ގުޅުން ކަނޑައިލި މީހަކާ ތިމަން ރަސްކަލާނގެ ގުޅުން ކަނޑައިލެއްވުމަށް ތިބާ ރުހެމެއްނޫންހެއްޔެވެ؟" އެހިނދު ރަޙިމު ދެންނެވިއެވެ: "އާދޭހެވެ. މާތްރަސްކަލާކޯއޭވެ." ﷲ وحيކުރެއްވިއެވެ. "ފަހެ، އެކަން ތިބާއަށްހުށްޓެވެ."
މުސްލިމް އަޚުންނޭވެ! ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެކެވެ. މި ކަމާ ގުޅޭ ގޮތުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِيْ رِزْقِهِ، أَوْ يُنْسَأَ لَهُ فِيْ أَثَرِهِ، فَلْيَصِلْ رَحِمَهُ)[4] މާނައީ: "ތިމާގެ ރިޒުޤު ތަނަވަސްވެ، ޢުމުރު ދިގުވުމަށް (އެބަހީ ޢުމުރުގައި ބަރަކާތްލެއްވުމުން) އުފާކުރާ މީހާ، ފަހެ ގާތްތިމާގެކަމުގެ ގުޅުން ދަމަހައްޓާހުށިކަމެވެ."
މުސްލިމް އަޚުންނޭވެ! ގާތްތިމާގެކަމުގެ ގުޅުން ކަނޑައިލުމަކީ ނުރައްކާތެރިކަމެކެވެ. އެއީ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ކަމާ ގުޅޭ ގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (لَا يَدْخُلُ الْجَنَّةَ قَاطِعٌ)[5] މާނައީ: "ރަޙިމުގެ ގުޅުން ކަނޑައިލާ މީހާ ސުވަރުގެއަކަށް ނުވަންނާނެއެވެ." ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ވިޔަފާރި އުޞޫލުން އެކަކު ކޮށްދޭ ހެއުކަމަކަށް އޭގެ ބަދަލުގައި ކަމެއްކޮށްދިނުމެއް ނޫނެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (لَيْسَ الْوَاصِلُ بِالْمُكَافِئِ، وَلَـٰكِنِ الْوَاصِلُ الَّذِيْ إِذَا قُطِعَتْ رَحِمُهُ وَصَلَهَا)[6] މާނައީ: "ބަދަލުދޭ ގޮތަށް (އަނެކާ ގުޅުން ބޭއްވީމާ ގުޅުން ބާއްވާ މީހާ)އަކީ ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހެއް ނޫނެވެ. ނަމަވެސް ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ، ގާތްތިމާގެ ކަމުގެ ގުޅުން ކެނޑިއްޖެ ހިނދު، އެ ގުޅުން ދަމަހައްޓާ މީހާއެވެ."
މުސްލިމް އަޚުންނޭވެ! ޢާއިލާތަކުގެ މެދުގައި ގުޅުން ބަދަހިކުރެވޭނީ އަހަރެމެންނަށް ލިބޭ ދަރީން ރަނގަޅު ގޮތުގައި ތަރުބިޔަތުކޮށްގެންނެވެ. އެ ކަން ކުރެވޭނީ ތަރުބިޔަތުކުރާން ތިބި ބަޔަކީ، އެ ކަމުގެ ޤާބިލުކަން ލިބިގެންވާ ބަޔަކަށް ވެގެންނެވެ. ޢާއިލާއެއްގައި ދެމަފިރީންގެ މަސްއޫލިއްޔަތަކީ ކޮބައިކަން ކީރިތި ރަސޫލާ z ވަނީ އަހަރެމެންނަށް ބަޔާންކޮށްދެއްވައިފައެވެ. ޢާއިލާއެއްގައި ނަމަ ދެމަފިރީންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރީންގެ ޙައްޤުތަކަށް ރައްކާތެރިވުމެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ދަރީން ހެޔޮ ގޮތުގައި ތަރުބިޔަތުކުރުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާނދޭވެ! އާމީން!
މުސްލިމް އަޚުންނޭވެ! މައިންބަފައިންނަށް ކިޔަމަންވުމަކީ ވާޖިބުކަމަކަށްވީ ހިނދު، މައިންބަފައިން ކުރާ އަމުރަށް ކިޔަމަންވާން ޖެހޭނީ، اللهއަށް އުރެދެވޭކަމަކަށް އެ މީހުން އަމުރުނުކުރާހައި ހިނދެއްގައެވެ. އެހެނީ ޚާލިޤުވަންތަ اللهއަށް އުރެދެވޭ އެއްވެސް ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއްނެތެވެ. އަހަރެމެންގެ ދަރީންނަކީ ރަޙިމުގެ ގުޅުން ދަމަހައްޓާ، ހެއުލަފާ ޤާބިލު ބަޔަކަށްހެދުމަކީ، އެ ކުދީންނަށްދެވޭ ތަޢުލީމުން އެކަނި ކުރެވޭނޭކަމެއްނޫނެވެ. ތަޢުލީމާ އެކު ތަރުބިޔަތު ވެސް ދޭން ޖެހެއެވެ. ދަރީން ތަރުބިޔަތުކުރުމުގައި އެ ކުދީންނަށް ބޭނުންވާނޭ އެންމެހައި މާއްދީ ކަންތައްތައް ފުރިހަމަކޮށްދިނުމުގެ އިތުރަށް، އެ ކުދީންނަށް ނަސޭހަތްތެރިވެ، އެ ކުދީންނަކީ އިސްލާމީ އަދަބުތަކާއި ޝަރުޢީ ޙުކުމްތަކަށް ޙުރުމަތްތެރިކޮށްހިތާ ބައަކަށްހެދުމަށް މަސައްކަތްކުރާން ޖެހޭނެއެވެ. އެއީ މައިންބަފައިންގެ މަސްއޫލިއްޔަތެކެވެ. ޝައްކެއްނެތް ގޮތުގައި، މި ގޮތުން ކުރެވޭ މަސައްކަތުގެ އެންމެ އެދެވޭ ނަތީޖާ ފެންނާނީ މައިންބަފައިން ދަރީންނަށް ރިވެތި ނަމޫނާއަކަށް ވެގެންނެވެ. މާތް ވެގެންވާ އިސްލާމްދީނުގައި މައިންބަފައިންނަށް އިރުޝާދުދެއްވައިފައިވަނީ އެބައިމީހުންގެ ދަރީންނަށް ޅަފަތުގައި ރިވެތި އަދަބު ދަސްކޮށްދިނުމަށެވެ. ހަމަ އެއާއެކު ދީނީ ވާޖިބުތަކަށް ޙުރުމަތްތެރިކޮށްހިތުމަށް ބާރުއެޅުމަކީ ވެސް މައިންބަފައިންގެ ވާޖިބެކެވެ. މި ކަން ބަޔާންކުރައްވައި، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مُرُوْا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِيْنَ، وَاضْرِبُوْهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ، وَفَرِّقُوْا بَيْنَهُمْ فِي الْمَضَاجِعِ)[7] މާނައީ: "ހަތް އަހަރުވުމުން ތިޔަބައިމީހުންގެ ދަރީންނަށް ނަމާދުކުރާން އަމުރުކުރާށެވެ! އަދި ދިހަ އަހަރުވުމުން ނަމާދު އަޅައިފި ނަމަ، އަނިޔާނުވާ ގޮތަށް ޖަހައި އަދަބުދީގެން ނަމަވެސް އެ ކުދީން ލައްވައި ނަމާދުކުރުވާށެވެ! އަދި އެ ކުދީންގެ ތަންމަތިތައް ވަކިކުރާށެވެ!" އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނީ ރަޙިމުގެ ގުޅުމާއި ގާތްތިމާގެކަމުގެ ގުޅުންތައް ދަމަހައްޓާ ބަޔަކުކަމުގައި ލައްވާނދޭވެ! އަޅަމެންނީ ގާތްތިމާގެމީހުންގެ ޙާލުބަލައި އެބައިމީހުންނަށް ހެއުފޯރުވާ ބަޔަކުކަމުގައި ލައްވާނދޭވެ!