މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން ދޫކުރަމުން އަންނަ ރެފްރިޖަރޭޓެޑް ސީ ވޯޓަރ (އާރްއެސްޑަބްލިޔު) ފައިނޭންސިންގ ފެސިލިޓީގެ ލިމިޓް، އެއްވެސް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ގޮތަށް ބޮޑުކޮށް، އެ ލޯނަށް އެދުމުގެ ފުރުސަތު އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ހުޅުވާލައިފިއެވެ.
މިއީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި މާލީ ވުޒާރާގެ އިތުރުން ލައިވްސް އެންޑް ލައިވްލިހޫޑް ފަންޑް (އެލްއެލްއެފް) އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ކުރިން މި ލޯނު ދޫކުރަމުން އައީ މަސްދޯނިފަހަރުގައި އާރްއެސްޑަބްލިޔު ސިސްޓަމާއި ޖެންސެޓް އަދި ސޯލާ ޕެނަލް ހަރުކުރުމަށް އެކަންޏެވެ. ނަމަވެސް އަލަށް ގެނެވުނު ބަދަލާއެކު ލޯނުގެ ލިމިޓް ބޮޑުކުރުމުގެ އިތުރުން، އުޅަނދުތަކުގައި އަލަށް އިންޖީނު އެޅުމަށާއި އިންޖީނު ބަދަލުކުރުމަށްވެސް މި ފެސިލިޓީގެ ދަށުން ލުއި ގޮތެއްގައި ފައިނޭންސް ހަމަޖެހިގެންދާނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދެއެވެ.
އަހަރަކު 6 އިންސައްތަގެ ފައިދާ ރޭޓުގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭއިރު، މީގެ ތެރޭގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ. މި ފެސިލިޓީގެ މައިގަނޑު ބޭނުމަކީ މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކޮށްދީ، ބާނާ މަހުގެ ތާޒާކަން ދަމަހައްޓައި ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.
މި މަޝްރޫޢާ ގުޅޭގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކާއި އެކަމަށްދާ ބޮޑު ޚަރަދު ކަމަށެވެ. އެހެންކަމުން ދޯނިފަހަރުގައި އާރްއެސްޑަބްލިޔު ސިސްޓަމްތައް ގާއިމްކުރުމުން އައިސް ޕްލާންޓްތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، ތެލަށް ކުރާ ހޭދަ ސަލާމަތްވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރުން އުޅަނދުފަހަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ މަސްވެރިންނަށް ލިބޭ ސާފު އާމްދަނީ އިތުރުވެ، މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ކުރިއެރުމެއް ގެނެސްދޭނެ ކަމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.