ރަސްމާލޭގެ ޢުމްރާނީ ތަރައްޤީ: 10 އަހަރުގެ ތެރޭގައި ފުރިހަމަ ސިޓީއެއްގެ ސިފަ އަންނާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 38ސ
ރަސްމާލޭގެ ޢުމްރާނީ ތަރައްޤީ: 10 އަހަރުގެ ތެރޭގައި ފުރިހަމަ ސިޓީއެއްގެ ސިފަ އަންނާނެ: ރައީސް

ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ރަސްމާލެއަށް ފުރިހަމަ ސިޓީއެއްގެ ސިފަ އަންނަ މިންވަރަށް ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 'ނޭޝަން ޗެޓް' ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ރަސްމާލޭގައި ކުރިއަށްގެންދާ ބޮޑު އިންވެސްޓްމަންޓުގެ ސަބަބުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެއްވެސް ހުރަހެއް ނާންނާނެއެވެ. އެގޮތުން، ރަސްމާލޭގެ 1150 ހެކްޓަރުގެ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބިން އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރިއަލް އެސްޓޭޓް އިންވެސްޓްމަންޓެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫޢަކީ މުޅި ރަސްމާލޭގެ ތަރައްޤީއާ ގުޅިފައިވާ، ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ މުހިންމު މަސައްކަތެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އިންވެސްޓްމަންޓާއެކު އުފެދުނު އިތުބާރުގެ ސަބަބުން، ރަސްމާލޭގެ އެކި ދާއިރާތަކުން މަޝްރޫޢުތައް ހިންގުމަށް ބޭރުގެ އިތުރު ވިޔަފާރިތަކުންވެސް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ކުރާ އިންވެސްޓްމަންޓަކަށް އަނބުރާ ފައިދާ ލިބޭނެކަން އެބަ އިނގޭ މިހާރުވެސް. ރަސްމާލޭގައި ބޯހިޔާވަހިކަމަށް ކަނޑައަޅާ 650 ހެކްޓަރު ތަރައްޤީކުރަން މަޑުކުރާކަށް ނުޖެހޭނެ. ޕަވަރ ސަޕްލައި، ފެން ނަރުދަމާ މަޝްރޫޢު ހިންގަން ދަނީ ޝައުގުވެރިކަން ފާޅުކުރަމުން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރިން ސިނަމާލެ ބުރިޖާއެކު ހުޅުމާލެއަށް ބޮޑު ތަރައްޤީއެއް އައިސްފައިވާ ނަމޫނާ ދައްކަވަމުން، މިހާރު ރަސްމާލެއަށް ލިބިފައިވާ ބޮޑު އިންވެސްޓްމަންޓުގެ އެހީގައިވެސް އެފަދަ އިންޤިލާބީ ބަދަލެއް އެ ސަރަޙައްދަށް ގެނެވޭނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މިއަދު އޮންލައިން