ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ހުރިހާ ރަށަކަށް: 10.2 ބިލިއަން ރުފިޔާގެ ބަޖެޓެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 8ސ
ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ހުރިހާ ރަށަކަށް: 10.2 ބިލިއަން ރުފިޔާގެ ބަޖެޓެއް!

ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް އިސްކަންދީ، 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން ސިއްހީ ދާއިރާއަށް 10.2 ބިލިއަން ރުފިޔާ ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ހުށަހަޅުއްވައިދެއްވަމުން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވީ، ރައްޔިތުންގެ ދުޅަހެޔޮކަމަށާއި ގައުމުގެ މުސްތަގުބަލަށްޓަކައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތައް ކަށަވަރު ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. އެގޮތުން ސިއްހީ ދާއިރާގެ އޮނިގަނޑު ހަރުދަނާކޮށް، ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ގިނަ އައު މަޝްރޫޢުތަކަކާއި ބަދަލުތަކެއް ވަނީ ރާވާފައެވެ.

ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުން، ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލުތަކާއި އެ ފެންވަރަށް ތަރައްގީކުރާ ހޮސްޕިޓަލުތައް ހިމެނޭހެން "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" ގެ ނަމުގައި ޚާއްސަ ގްރޫޕެއް އުފެއްދުމަށް ވަނީ ނިންމާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި ނިޒާމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުން ބަލިމީހުންނަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހަލުވިކަމަކާއި ބާރެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން ހޮސްޕިޓަލުތަކަށް ބޭނުންވާ މެޑިކަލް ކޮންސިއުމަބަލްސްއާއި އެހެނިހެން ވަސީލަތްތައް މަރުކަޒީ ނިޒާމެއްގެ ދަށުން ހޯދޭނެ އިންތިޒާމު ގާއިމުކުރުމަށްވެސް ބަޖެޓުގައި ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ. އަދި "ސްޓޭޓް ފާމާ" މެދުވެރިކޮށް ބޭސް ހޯދުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އިސްރާފު ކުޑަކުރުމާއެކު އަސާސީ ބޭހާއި މެޑިކަލް ސާމާނު ދަތިކަމެއް ނެތި ލިބޭނެ މަގު ތަނަވަސްކުރުމަކީ މި ބަޖެޓުގެ މުހިންމު އަމާޒެކެވެ.

ހަމައެއާއެކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިހާރުވެސް ގާއިމުކުރަމުންދާ އަދި ޚިދުމަތް ދެމުން އަންނަ ޑެކޯ ޗެމްބަރ، އެކްސް-ރޭ، ސީޓީ ސްކޭން، އެމްއާރުއައި އަދި ދަތުގެ ފަރުވާއާއި ކަރުންމަތީގެ ބަލިތަކުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންހެނުންގެ ބަލިތަކާއި ވިހެއުމާއި ދަރިމައިވުމާ ގުޅޭ ޚިދުމަތްތައް ތަރައްގީކުރުމުގެ މަސައްކަތްތައްވެސް އަންނަ އަހަރު ކުރިއަށްދާނެއެވެ.

މި އިންތިޒާމުތަކާއެކު ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބި، ލުއިފަސޭހަކަމާއެކު ރަށާ ގާތުން ފަރުވާ ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

މިއަދު އޮންލައިން