ވަޒީފާ އަދާކުރުމުގެ ބަދަލުގައި ޤައުމަށް ޚިދުމަތްކުރުމުގެ ރޫހު އަށަގަންނަވަންޖެހޭ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ ތަޢުލީމު ޙާޞިލުކުރުމަށްފަހު ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ވިސްނުމަށްވުރެ ބޮޑަށް، ޤައުމަށް ޚިދުމަތް ކުރުމުގެ ރޫހު އަށަގެންނެވުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިހާރު އޮފީސްތަކުން ފެންނަނީ ހަމައެކަނި ވަޒީފާއެއް އަދާކުރުމުގެ ބޭނުމުގައި އޮފީހަށް ގޮސް އަންނަ މަންޒަރު ކަމަށާއި، މިފަދަ ކަންކަން ދިމާވަނީ ޤައުމަށް ޚިދުމަތްކުރުމުގެ ރޫހު ކުޑަވުމުން ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައްޔިތުންނަށް ދޭ ޚިދުމަތްތައް ވާންޖެހޭނީ ފުރިހަމަ އިޚްލާޞްތެރިކަމާއެކު ދެވޭ ޚިދުމަތްތަކަކަށް ކަމަށް ވިދާޅުވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ، ވަޒީފާގެ ވަގުތު ހަމަވިކަމުގައި ވިޔަސް، ރައްޔިތަކަށް ބޭނުންވާ ޚިދުމަތެއް ފޯރުކޮށްދޭންޖެހޭ ޙާލަތެއްގައި އެކަން ކުރުމަކީ ކޮންމެ މުވައްޒަފެއްގެ ވެސް ޢަޒުމަކާއި ރޫޙަކަށް ވާންޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިން ބޮޑުވާނީ މި ޤައުމުގައި. އެހެންވީމައި ކޮންމެ މީހަކުވެސް ކޮންމެ ދަރިވަރެއްގެވެސް އަދި ދަސްވެނިވެގެން ނުކުންނަ ދަސްވެނީއެއްގެ އަދި ކޮންމެ ފަރުދެއްގެ ޒިންމާއަކަށް ވާންވާނީ މި ދެންނެވިގޮތަށް ޤައުމަށް ޚިދުމަތް ކުރުމުގެ ރޫހު ހުރުން،" ޤައުމީ ތަރައްޤީގައި ޒުވާނުންގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.