ޢާއިޝަތު ރަފާޙް ޢަލީ
އަބޫބަކުރުގެފާނު رضي الله تعالى عنه ގެ ކިބައިން ރިވާވެގެންވާ ޞަޙީޙު ޙަދީޘެއްގައި ރަސޫލުއްﷲ ﷺ ޙަދީޘް ކުރެއްވިއެވެ.
ما ذَنْبٌ أَحْرَى أنْ يُعَجِّلَ اللهُ لِصاحِبِه العُقُوبَةَ في الدنيا ، مع ما يَدَّخِرُ لهُ في الآخرةِ من قَطِيعَةِ الرَّحِمِ و البَغْيِ
– އެކަލޭގެފާނު ﷺ ޙަދީޘް ކުރެއްވިއެވެ؛ އެކަމެއް ކުރި މީހަކަށް، އާޚިރަތުގައި ދެވޭނެ ޢުޤޫބާތް ރައްކާކުރެވިފައިވުމާއެކުވެސް، މާތްﷲ ދުންޔަވީ ޙަޔާތުގައި އަވަސްވެގަނެގެން ޢުޤޫބާތް ދެއްވެވުން އެންމެ ޙައްޤުކަން ބޮޑުވެގެންވާ ދެ ފާފައެއް މެނުވީ ނުވެއެވެ. އެއީ އަނިޔާވެރިވުމާއި (ނުވަތަ ބަޣާވާތްތެރިވުމާއި) އަދި ރަޙިމުގެ ގުޅުން ކެނޑުމެވެ.
އެކަލޭގެފާނު ﷺ މިއަންގަވާ ބަސްފުޅަށް ރަނގަޅަށް ސަމާލުކަން ދޭށެވެ. އާޚިރަތުގައި ދެވޭނެ ޢުޤޫބާތް އެބައޮތެވެ. ނަމަވެސް އެ ޢުޤޫބާތް ދުންޔަވީ ޙަޔާތުގައި އަވަސްވެގެންވެއެވެ. ޙަދީޘް ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ފާފަތަކުގެ ޢާއްމު އުޞޫލަކީ މިއެއް ނޫނެވެ. ފާފައެއްގެ ޢާއްމު އުޞޫލަކީ، އިންސާނާއަށް ދުންޔަވީ ޙަޔާތުގައި ޢުޤޫބާތެއް (ނުވަތަ މުޞީބާތެއް) ލިބި، އެކަމުގެ ސަބަބުން ތައުބާވުމަށް މަގުފަހިވެއްޖެނަމަ، އެއީ އާޚިރަތުގެ ޢުޤޫބާތާ ކުރިމަތިލާން ނުޖެހި، ފާފަ ފުއްސެވުމުގެ ސަބަބަކަށް ވުމެވެ. ނަމަވެސް، މިތަނުގައި ރަސޫލާ ﷺ މިއަންގަވަނީ، މި ދެ ފާފައަކީ އޭގެ ސަބަބުން ދުންޔަވީ ޙަޔާތުގައި ޢުޤޫބާތް އަވަސްވުމުގެ އިތުރުން، އާޚިރަތުގައިވެސް އެ ފާފައަށް ޢުޤޫބާތް ރައްކާކުރެވިގެންވާ ދެ ފާފަ ކަމެވެ.
އެހެންކަމުން، ރަޙިމުގެ ގުޅުން ކެނޑުމަކީ ދުންޔަވީ ޙަޔާތުގައިވެސް އޭގެ ސަބަބުން ގެއްލުންތަކާ ކުރިމަތިވާނެ ކަމެކެވެ. ސުބްޙާނަﷲ! އެ ޢުޤޫބާތަކީ ކޮބައިހެއްޔެވެ؟ ސިއްސައިގެންދާ ފަދަ ގެއްލުންތައްވުމެވެ. އަދި މާތްﷲ ތިބާގެ އެހެނިހެން ހުރިހާ ގުޅުންތަކުން ބަރަކާތް ކަނޑުއްވާލެއްވުމެވެ. ތިބާގެ ޞިއްޙަތުގައި ބަރަކާތް ގެއްލިގެންދިޔުމެވެ. ތިބާގެ މުދަލުގައި ބަރަކާތް ގެއްލިގެންދިޔުމެވެ.
އެހެންކަމުން، ޢުޤޫބާތް އަވަސްވެގެން އައުމަކީ ހަމައެކަނި ފެންނަ ފެނުމުގައި ބޮޑު މުޞީބާތެއް ކުރިމަތިވުން އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި، މާތްﷲ އެމީހަކު އެފަދަ ޙާލަތަކަށް ވައްދަވާ، ނުބައި ކަންތައްތައް އަވަސްވެގެން އަންނަނީއެވެ. އަދި އެކަންކަން އަވަސްވަނީ ހެޔޮކަމެއް ޙާޞިލުކުރުމުގެ ވަޞީލަތެއްގެ ގޮތުގައެއް ނޫނެވެ. އެއީ އެމީހުންގެ އާއިލާއާމެދު ކަންތައް ކުރި އިހާނެތި ގޮތުގެ ބަދަލު ލިބުމުގެ ވަޞީލަތެއްގެ ގޮތުގައެވެ. އަދި މުޖުތަމަޢެއްގެ ގޮތުގައިވެސް، މިއީ އަހަރެމެންގެ މައްޗަށް ޢުޤޫބާތް އަވަސްވެގެންދާ ކަމެކެވެ. އަދި އަހަރެމެން އެކަމުން ރައްކާތެރިކޮށްދެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދަންނަވަމެވެ.
ރަޙިމުގެ ގުޅުން ކަނޑާ މީހާއާމެދު ވާހަކަދައްކާއިރު، ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ ރަޙިމުގެ ގުޅުންވަނީ މާތްﷲގެ ޢަރުޝީގައި އެލުވިގެން ކަމަށެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ؛ لا يَدخُلُ الجَنَّةَ قاطِعٌ. قال ابنُ أبي عُمَرَ: قال سُفيانُ: يَعني قاطِعَ رَحِمٍ.
ގުޅުން ކަނޑާ މީހާ ސުވަރުގެއަކަށް ނުވަންނާނެއެވެ. އިބްނު އަބީ ޢުމަރު ވިދާޅުވިއެވެ: ސުފްޔާން ވިދާޅުވިއެވެ: "(މިތަނުގައި 'ގުޅުން ކަނޑާ މީހާ' ގެ) މާނައަކީ ރަޙިމުގެ (އާއިލީ) ގުޅުން ކަނޑާ މީހާއެވެ."
އެހެންކަމުން، ލޯބިވާ އަޚުންނާއި އުޚްތުންނޭވެ! މިތަނުގައި ބުނަންއުޅޭ މައިގަނޑު ނުކުތާއަކީ، އާއިލީ ގުޅުން ކެނޑުމަކީ ހަމައެކަނި އަމިއްލަ ސިއްރު ފާފައެއް ނޫންކަމެވެ. އެއީ ޙަޤީޤަތުގައި ޤިޔާމަތް ކައިރިވުމުގެ ޢަލާމާތެއްގެ އިތުރުން، މުޖުތަމަޢު ހަލާކުވެ ފަސާދަވަމުންދާކަމުގެ ޢަލާމާތެއްވެސް މެއެވެ.
- ޑރ. ޢުމަރު ސުލައިމާންގެ ދަރުސަކުން