ޙައްޖާއި ޢުމްރާ- އެއްއަޅުކަން އަނެއް އަޅުކަމާ ގުޅުވައިގެން ތަކުރާރުކޮށް ކުރުމުން ލިބޭނެ ބޮޑެތި ފައިދާތައް!: ޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢިރް

ކިޔުމަށް ހޭދަވާނީ 3މ 49ސ
ޙައްޖާއި ޢުމްރާ- އެއްއަޅުކަން އަނެއް އަޅުކަމާ ގުޅުވައިގެން ތަކުރާރުކޮށް ކުރުމުން ލިބޭނެ ބޮޑެތި ފައިދާތައް!: ޝައިޚް ޢަބްދުއްސަލާމް އައްޝުވައިޢިރް

ޢާއިޝަތު ރަފާޙް ޢަލީ

 

ނަބިއްޔާ (ޞައްލައްﷲ ޢަލައިހި ވަސައްލަމަ) ޙަދީޘް ކުރެއްވިއެވެ:

«تَابِعُوا بَيْنَ الحَجِّ وَالعُمْرَةِ، فَإِنَّهُمَا يَنْفِيَانِ الفَقْرَ وَالذُّنُوبَ كَمَا يَنْفِي الكِيرُ خَبَثَ الحَدِيدِ، وَالذَّهَبِ، وَالفِضَّةِ، وَلَيْسَ لِلْحَجَّةِ الْمَبْرُورَةِ ثَوَابٌ إِلاَّ الجَنَّةُ».

"ޙައްޖާއި ޢުމްރާ އެއްއަޅުކަން އަނެއް އަޅުކަމާ ގުޅުވައިގެން (ތަކުރާރުކޮށް) ކުރާށެވެ. ފަހެ، ގިރުނބާ އިން ދަގަނޑުގެ ދަބަރު ފިލުވައިދޭ ފަދައިން، އެ ދެ އަޅުކަމުން ފަގީރުކަމާއި ފާފަތައް ފިލުވައިދެއެވެ. އަދި މަބްރޫރު ޙައްޖަކަށް (އެބަހީ: މަޤްބޫލު ޙައްޖަކަށް) ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނުވެއެވެ." 

ފާފަތައް ފިލުވައިދޭ ކަމާމެދު، އެއްވެސް މީހަކު ޝައްކެއް ނުކުރާނެއެވެ. އަދި ފާފަތައް ފިލުވައިދިނުމާ ބެހޭ ގޮތުން ސީދާ ޙަދީޘް އައިސްފައިވެއެވެ. 

ދެވަނަ ކަމަކީ، ފަގީރުކަން ފިލުވައިދިނުމެވެ. އެއީ އިންސާނާއަށް ހީވާ ގޮތާ މުޅިން ޚިލާފަށް، އޭގެ އިނާމު ﷲ ތަޢާލާ ދެއްވާތީއެވެ. ގިނަ މީހުން ޙައްޖާއި ޢުމްރާ ތަކުރާރުކޮށް ކުރުމުން ދުރުހެލިވަނީ ގިނައިން ޚަރަދުވާނެތީއެވެ. އެހެންވެ، އެމީހުން ފައިސާ ރައްކާކުރެއެވެ. އަދި ދަހިވެތިވެ، އަހަރަކަށްފަހު އަހަރެއް ލަސްކުރެއެވެ. ނަމަވެސް، ﷲ ތަޢާލާގެ މަގުގައި ޚަރަދުކޮށްފިނަމަ، ދުނިޔޭގައިވެސް ﷲ އެމީހަކަށް ތަނަވަސްކަން ދެއްވައެވެ. އަދި އާޚިރަތުގައި ލިބޭނެ ދަރުމަ މާ ބޮޑެވެ. ފަހެ، އެ ދެ އަޅުކަމަކީ ފަގީރުކަމާއި ފާފަތައް ފިލުވައިދޭ ދެ އަޅުކަމެވެ. 

ތިންވަނަ ކަމަކީ، ޙައްޖާއި ޢުމްރާ ތަކުރާރުކޮށް ކުރާ މީހާގެ ޢުމުރު ﷲ ތަޢާލާ ދިގުކުރައްވާ ކަމެވެ. މިއީ ﷲ ގެ ޙުރުމަތްތެރިވެގެންވާ ގެފުޅަށް ޒިޔާރަތްކުރުމުގެ ނިޔަތެވެ. ސަބަބަކީ އިންސާނަކު ބުނެފާނެއެވެ: "ތިމަންނާގެ މަސައްކަތްތަކެއް އެބަހުއްޓެވެ. އަދި ވިޔަފާރިއެއް އެބަހުއްޓެވެ." އެކަންކަމުގައި މަޝްޣޫލުވުމަކީ ﷲ ގެ ގެފުޅަށް ދިއުމުގެ ނިޔަތާ ދެކޮޅަށް ކުރެވޭ ކަމެކެވެ. ނަމަވެސް، ﷲ ތަޢާލާގެ އަމުރުފުޅަށާއި، މުއުމިނުންނަށް ގޮވާލައްވާފައިވާ ގޮވާލެއްވުމަށް އިޖާބަދީ، އޭނާގެ ދުނިޔެވީ މަސައްކަތްތައް ފަސްކޮށް، ﷲ ގެ ގެފުޅަށް ދިއުމަށް އިސްކަންދީފިނަމަ، އޭނާއަށް އާޚިރަތުގެ ދަރުމަ ލިބެއެވެ. އަދި ދުނިޔޭގައި ވަގުތުގެ ބަރަކާތް ލިބި، ޢުމުރު ދިގުވެގެންދެއެވެ. 

ގިނަ ޢިލްމުވެރިން މި ޙަދީޘް ޝަރަޙަކުރައްވަމުން ބަޔާންކުރައްވާފައިވަނީ، ޢުމުރު ދިގުވުމަކީ ޙަޤީޤީ ދިގުވުމެއް ކަމަށެވެ. ﷲ ތަޢާލާގެ ދެ ފޮތެއްވެއެވެ. އެއީ ދުނިޔޭގެ އުޑުގައިވާ ފޮތަކާއި، ﷲ ގެ ޙަޟްރަތުގައިވާ ލައުޙުލް މަޙްފޫޡެވެ. ދުނިޔޭގެ އުޑުގައިވާ ފޮތަކީ ﷲ ތަޢާލާ އިތުރުކުރައްވާ އަދި އުނިކުރައްވާ ފޮތެވެ. އެހެންކަމުން މީހެއްގެ ޢުމުރު މިވެނި ވަރެކޭ އޮވެދާނެއެވެ. ނަމަވެސް، ﷲ ގެ ގެފުޅަށް ޒިޔާރަތްކުރުމުގެ ނިޔަތްގަތުމުން، އެމީހެއްގެ ޢުމުރު އިތުރުކުރައްވައެވެ. "ﷲ އިރާދަކުރައްވާ އެއްޗެއް ފުއްސަވައި، އަދި (އިރާދަކުރައްވާ އެއްޗެއް) ސާބިތުކުރައްވައެވެ." އެއީ ދުނިޔޭގެ އުޑުގައިވާ ފޮތުގައެވެ. އަދި އެކަލާނގެ ޙަޟްރަތުގައި އުންމުލް ކިތާބު (ލައުޙުލް މަޙްފޫޡު) ވެއެވެ. ޢަލީ އިބްނު އަބީ ޠާލިބް (ރަޟިޔަﷲ ޢަންހު) އަދި ބައެއް ބޭކަލުން މިކަން ޝަރަޙަކުރެއްވީ މިފަދައިންނެވެ.

އިންސާނާގެ ހިތްނުތަނަވަސްވާފަދަ ކަމެއް ދިމާވާހިނދު، ހިތާމަތައް ފިލުވައިދީ، ހިތްހަމަޖެހުން ހޯދައިދޭ އެންމެ ބޮޑު ކަންތައްތަކުގެ ތެރޭގައި މި ތިން ކަންތައް ހިމެނެއެވެ: ﷲ ތަޢާލާއަށް އަޅުކަންކުރުން ގިނަކުރުމާއި، އަޅުކަމުގައި ދެމި ހުރުމެވެ. ދެވަނަ ކަމަކީ ﷲ ތަޢާލާއަށް ތަސްބީޙަ ކިއުމެވެ. އަދި ތިންވަނަ ކަމަކީ އެކަލާނގެއަށް ޙަމްދުކުރުމެވެ. ފަހެ، ﷲ ތަޢާލާ ހަނދުމަކުރުމަކީ (ޒިކުރުކުރުމަކީ) ނަފްސުގެ ވަރުބަލިކަން ފިލުވައިދޭ އެންމެ ބޮޑު އެއް ކަންތަކެވެ.

 

މިއަދު އޮންލައިން