ކޮންމެ މުސްލިމަކީވެސް ސުވަރުގެ ވަންނަން ބޭނުންވާނެ މީހެކެވެ. އެއްވެސް މީހަކަށް އެމީހާ މަރުވާނެ ވަޤުތު އެނގޭނެނަމަ ވާނެ ގޮތަކީ ކޮބައިހެއްޔެވެ؟ ދުވަސްތައް ހޭދަކުރާނީ ފާފަކުރުމުގައެވެ. ދުނިޔޭގެ އުފާތައް ޙާޞިލްކުރުމުގައެވެ. އެގޮތަށް އުޅެމުން އައިސް މަރުވާނެ ވަޤުތު ގާތްވުމުން ތައުބާވާނެއެވެ. ހެޔޮ ޢަމަލުތައް ކުރާނެއެވެ. ނަމާދުވެސްކުރާނެއެވެ. އެވަޤުތު ޖެހޭއިރު އޮންނާނީ ސަޖިދައިގައެވެ.
ﷲ ތަޢާލާ އަހުރެމެން ދުނިޔެއަށް ފޮނުއްވަވާފައި މިވަނީ އެގޮތަށް އުޅުމަކަށް ނޫނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ، ކިޔަމަންތެރިކަމާއިއެކު އުޅުމަށެވެ. އަބަދުވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް އަޅުކަންކުރުންމަތީގައި ތިބުމަށެވެ.
ނިކަން ވިސްނައިލަބަލާށެވެ! ފަރުޟް 5 ނަމާދު އެއްވަޤުތެއްގައި ކުރެވޭނެނަމަ މާގިނަ މީހުން ނަމާދުކުރީހެވެ. ގިނަ ބައަކަށް ފަރުޟް 5 ނަމާދު ނުކުރެވިގެންއުޅޭ ސަބަބަކީ 5 ވަޤުތެއްގައި ނަމާދުކުރަންޖެހުމެވެ.
ދެން ބަލައިލަންވީ 5 ވަޤުތެއްގައި ނަމާދުކުރަންޖެހޭ ސަބަބަށެވެ. މުޅި ދުވަހަށް ބެހިގެންދާ ގޮތަށް 5 ވަޤުތު ކަނޑައަޅުއްވަވާފައިއެވަނީ އެވަނީ ﷲ ތަޢާލާގެ މަތިން ހަނދުމަކުރާ ވަޤުތު ގިނަވުމަށް ރުހިވޮޑިގެންވާތީއެވެ. އެކަމުން އެނގެނީ އަހުރެމެންނަށް އޮތީ ވީހާގިނައިން ﷲ ތަޢާލާގެމަތިން ހަނދުމަކުރުން ކަމެވެ.
ވީމާ އެމީހެއްގެ ޙަޔާތް ﷲ ތަޢާލާގެ މަތިން ހަނދުމަނުކޮށް ހޭދަކޮށްލުމަށްފަހު އެންމެފަހު ވަޤުތު ތައުބާވެ ހެޔޮ ޢަމަލުކުރަން ވިސްނައިގެން އުޅުމަކީ އާޚިރަތް ކާމިޔާބުކުރެވެން އޮތް މަގެއް ނޫނެވެ. އާނއެކެވެ! އެންމެ ފަހުވަޤުތުގައިވެސް އިޚްލާޞްތެރިކަމާއިއެކު ތައުބާވެވިއްޖެނަމަ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެތެވެ. ނަމަވެސް އެއީ ވުމަށްވުރެ ނުވުން ގާތުގައި އޮތް ކަމެކެވެ.
އަހުރެމެން މަރުވާނެ ވަޤުތު ސިއްރުކުރައްވަވާފައިވާ ސަބަބު މިވަރުންވެސް އެނގޭނެ ކަމަށް އުންމީދުކުރަމެވެ.
- މުފްތީ މެންކުގެ ދަރުސަކުން