ތިލަފުށީގައި ވެއަރހައުސް ހުރި ވިޔަފާރިތަކަށް ތިލަފުށި ޕޯޓުން ކޮންޓެއިނަރު ދޫކުރުމުގެ މަސައްކަތް ނޮވެމްބަރު މަހުގެ ފަހުކޮޅު ފެށޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ހުސައިން ޝަފީޤު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މުދަލާއެކު ކޮންޓެއިނަރު ދޫކުރުމުގެ ޚިދުމަތް ތިލަފުށި ޕޯޓުގައި ފެށުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ތިލަފުށި ޕޯޓުން މިމަހުގެ 27 ވަނަ ދުވަހު ފެށި ޚިދުމަތްތަކުގެ ތެރޭގައި މިވަގުތު ހިމެނެނީ މުދަލާއެކު ކޮންޓެއިނަރު ދޯނިފަހަރަށް އަރުވައިގެން ގެންދިއުމުގެ ޚިދުމަތާއި، ހުސް ކޮންޓެއިނަރު އަންލޯޑްކުރުމުގެ ޚިދުމަތެވެ. އަދި އަންނަ މަހުގެ ފަހުކޮޅު އެ ރަށުގައި ވެއަރހައުސް ހުރި ފަރާތްތަކަށް ސީދާ ކޮންޓެއިނަރު ދޫކުރަން ފެށުމާއެކު ވިޔަފާރިތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ރާއްޖެއަކީ ބޭނުންވާ ގާތްގަނޑަކަށް ހުރިހާ ބާވަތެއްގެ މުދަލެއް ބޭރު ޤައުމުތަކުން އެތެރެކުރާ ޤައުމަކަށްވާއިރު، ރާއްޖެއަށް އެތެރެވާ މުދަލުގެ ބޮޑުބައި މިހާރުވެސް ކްލިއަރ ކުރަމުންދަނީ މާލޭ ވިޔަފާރި ބަނދަރުންނެވެ. އެހެންކަމުން މާލޭ ޕޯޓަކީ 24 ގަޑިއިރު މެދުކެނޑުމެއްނެތި އޮޕަރޭޓްކުރަންޖެހިފައިވާ ރާއްޖޭގެ އިޤުތިޞާދުގެ އެންމެ ބޮޑު އެއް މަރުކަޒެވެ.
މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ދުވެލީގައި ކުރިއަށް ގެންދަނީ އިޤުތިޞާދީ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތާލުމަށެވެ. ސަރުކާރުން ހާމަކުރައްވާ ގޮތުގައި، ތިލަފުށީގައި ތަރައްޤީކުރާ އައު ވިޔަފާރި ބަނދަރުގެ މަސައްކަތް ނިމި ޚިދުމަތް ފުރިހަމައަށް ފެށުމުން، ޕޯޓުގެ ޚިދުމަތްތައް މިހާރަށްވުރެ 4 ގުނަ ފުޅާވެގެންދާނެއެވެ.