އިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫޢަކާއެކު ތެލަށްކުރާ ހޭދައިން 100 މިލިއަނަށްވުރެ ގިނަ ލީޓަރު ސަލާމަތުކުރެވޭނެ: މާލީ ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އިއާދަކުރަނިވި ހަކަތައިގެ ބޮޑު މަޝްރޫޢަކާއެކު ތެލަށްކުރާ ހޭދައިން 100 މިލިއަނަށްވުރެ ގިނަ ލީޓަރު ސަލާމަތުކުރެވޭނެ: މާލީ ވަޒީރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، އަމިއްލަ ފަރާތްތައް ނުވަތަ ޕްރައިވެޓް ސެކްޓަރ ހިމެނޭގޮތަށް 250 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ ބޮޑު މަޝްރޫޢެއް ފެށުމަށް ކަނޑައަޅާފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ހާމަކުރައްވައިފިއެވެ. މާލީ ބަޔާން އިއްވަވަމުން ވަޒީރު ވިދާޅުވީ މި މަޝްރޫޢުގެ ސަބަބުން އަހަރެއްގެ މައްޗަށް ރާއްޖެއަށް އެތެރެކުރާ ތެލުގެ ތެރެއިން 100 މިލިއަނަށްވުރެ ގިނަ ލީޓަރު މަދުކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކާއި ގުދުރަތީ ކާރިސާތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ. އެހެންކަމުން ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުނުވެ ތިބުމަކީ މިއަދު ފަރުޖައްސާލެވެން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ. މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ އެންމެ މުހިންމު ހަރަކާތަކީ "މޯލްޑިވްސް ސޯލާ ޑިވެލޮޕްމަންޓް އެންޑް އެނާޖީ ސްޓޯރޭޖް ސޮލިއުޝަންސް ޕްރޮޖެކްޓް" އެވެ.

މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޕަވަރ ޕާޗޭސް އެގްރީމަންޓް (ޕީޕީއޭ) އުސޫލުންނެވެ. މި މަޝްރޫޢުގެ ދަށުން ޖުމުލަ 250 މެގަވޮޓުގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ އިތުރުން، ހަކަތަ ރައްކާކުރާނެ ޒަމާނީ ނިޒާމުތައް (Energy Storage Systems) ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިފަދަ ބިޔަ މަޝްރޫޢުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓުން ތެޔޮ ގަތުމަށް ކުރަންޖެހޭ ބޮޑު ހޭދަ ވަރަށް ބޮޑަށް ކުޑަކުރެވި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި މުސްތަޤުބަލަކަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބަޔާންކުރެއެވެ.

މިއަދު އޮންލައިން