ރައްޔިތުން މުއްސަނދިކުރުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ދޭން ބޭނުންވޭ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 58ސ
ރައްޔިތުން މުއްސަނދިކުރުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ދޭން ބޭނުންވޭ: ރައީސް

އާންމު ރައްޔިތުންނަށް ފުރުސަތުތައް ފަހިކޮށްދީ، ވިޔަފާރީގެ ތެރެއަށް ނެރެގެން ރައްޔިތުން މުއްސަނދިކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް އަލިއަޅުވާލައްވައި "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައި ކަމަށާއި، ރައްޔިތުންގެ އަޑުއަހައިގެން އެ މީހުން އެދޭ މިސްރާބަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމުގެ އެންމެ މުހިންމު އެއް ބޭނުމަކީވެސް އުފެއްދުންތެރިންނަށާއި ވިޔަފާރިތަކަށް ފުރުސަތުތައް ތަނަވަސްކޮށްދިނުންކަން ފާހަގަކުރައްވައި، ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައްޔިތުންގެ މާލީ ތަނަވަސްކަން އިތުރުކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، "ކުދި ވިޔަފާރިތައް އުފައްދަން ފުރުސަތުދޭން އަޅުގަނޑު ބޭނުންވަނީ. މެދުފަންތީގެ ވިޔަފާރިތައް އުފައްދަން ފުރުސަތުދޭން އަޅުގަނޑު ބޭނުންވަނީ. ރައްޔިތުން މުއްސަނދިކުރުމަށްޓަކައި،" ކަމަށެވެ. މީގެއިތުރުން މި މައުރަޒުން ކުރީ ފަހަރަށްވުރެ ގިނަ އުފެއްދުންތައް ފެނި، ރައްޔިތުން އެކުގައި ބައިވެރިވަމުންދާތަން ފެނުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށާއި، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ (އެސްއެމްއީ) ދާއިރާ ފުޅާކުރުމަށް މިއަދާ ހަމައަށްވެސް ގިނަ ކަންތައްތަކެއް ފަހިކޮށްދެވިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މައުރަޒުގެ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިކޮށްދިނުމުގެ ގޮތުން މުހިންމު ތިން ކަމެއް އިއުލާނުކުރައްވާފައެވެ. އޭގެތެރޭގައި:

- ސަރުކާރުގެ މަސައްކަތް ކޮށްދީފައި ފައިސާ ނުލިބިވާ ވިޔަފާރިތަކަށް ޓެކްސް ދެއްކުމުގައި ލުއިތަކެއް ހަމަޖައްސައިދިނުން.

- ޓެކްހަށް ރަޖިސްޓްރީވާންޖެހޭ ތްރެޝްހޯލްޑް 1.5 މިލިއަން ރުފިޔާއަށް މަތިކުރުން.

- އެފަދަ ވިޔަފާރިތަކުގެ އުފެއްދުންތެރިކަމަށް ބޭނުންވާ ސާމާނުން އިމްޕޯޓް ޑިއުޓީ ކަނޑާލުން.

މި ފިޔަވަޅުތަކަކީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަރުދަނާކޮށް، ދިވެހި އުފެއްދުންތެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅުތަކެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން