ރާއްޖޭގެ ރީ-އެކްސްޕޯޓް ވިޔަފާރި ބާރަށް ކުރިއަރައި، މިއަހަރުގެ މިހާތަނަށް އެ ދާއިރާއިން ލިބުނު އާމްދަނީ ބޮޑުތަނުން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މި ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބެމުންދަނީ އަލަށް ތަޢާރަފުކުރި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާ ގުޅިގެންނެވެ.
އެމްއެމްއޭގެ މަންތްލީ ސްޓެޓިސްޓިކްސް ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ރީ-އެކްސްޕޯޓްކޮށްގެން ރާއްޖެއަށް 319 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.9 ބިލިއަން ރުފިޔާ) ގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 299 މިލިއަން ޑޮލަރާ އަޅާބަލާއިރު %6.8 ގެ ކުރިއެރުމެކެވެ.
ރީ-އެކްސްޕޯޓް ކުރުމަކީ ބޭރުގެ ޤައުމުތަކުން ރާއްޖެއަށް މުދާ އެތެރެކުރުމަށްފަހު، އެ މުދާ އަލުން ރާއްޖެއިން ބޭރުގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ. މި ވިޔަފާރި މިހާ ބޮޑަށް ފުޅާވެގެން ދިޔުމުގެ މައިގަނޑު އެއް ސަބަބަކީ، 2024 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ތަޢާރަފުކުރި ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތެވެ.
ކަނޑުމަގުން ރާއްޖެއަށް ގެންނަ މުދާ ޓްރާންސިޓްކޮށް، ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވައިދޭ މި ޚިދުމަތަކީ މިހާރު ވިޔަފާރިވެރިންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދަމުން އަންނަ ޚިދުމަތެކެވެ. އެގޮތުން، މި ޚިދުމަތުގައި މިހާރުވެސް 17 އަށްވުރެ ގިނަ އެއާލައިން ބައިވެރިވެފައިވާއިރު، މިދިޔަ ޖުލައި މަހު އެކަނިވެސް ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް 633 ޓަނުގެ މުދާ ވަނީ ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.
މި ޚިދުމަތް އިތުރަށް ފުޅާވަމުން އަންނައިރު، ރާއްޖެއަކީ ބައިނަލްއަޤްވާމީ ލޮޖިސްޓިކްސް އަދި ކާގޯ ހަބެއްގެ ގޮތުގައި ތަރައްޤީވަމުން އަންނަކަން ފާހަގަކުރެވެއެވެ. ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ޤައުމަށް ލިބޭ އާމްދަނީ އިތުރަށް މައްޗަށް ދާނެ ކަމަށް އިޤްތިޞާދީ މާހިރުން ލަފާކުރެއެވެ.