ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމެއް ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު: ރައީސް މުޢިއްޒު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 55ސ
ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމެއް ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އަމާޒު: ރައީސް މުޢިއްޒު

ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަށާއި، މި ފާއިތުވި 3 އަހަރު ތެރޭގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ތާރީޚުގައި ވެސް ނުދެކޭހާ ގިނަ ކުރިއެރުންތަކާއި ފުރުޞަތުތައް ރައްޔިތުންނަށް ހޯދައިދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ނޭޝަން ޗެޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުގެ ފުރަތަމަ 3 އަހަރު ދުވަހުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި މަސައްކަތްތަކެއް ކޮށް އަމަލީ ސިފަ ގެނެވިފައިވާ ކަމަށެވެ. އަދި ފަސް އަހަރުގެ ދައުރު ނިމިގެންދާއިރު، މިހާރު ކުރެވިފައިވާ މަސައްކަތްތަކަށްވުރެ އެތައް ގުނައަކަށް އިތުރު މަސައްކަތްތައް ކުރެވިގެންދާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ. ސަރުކާރުން މި ސިޔާސަތު މައިގަނޑު ތިން ބަޔަކަށް ބައްޓަންކޮށްފައިވަނީ ސަރުކާރުން ދޫކުރާ ގޯތިތަކާއި، މަސައްކަތް ނިންމާ ދޫކުރާ ފްލެޓްތަކުގެ އިތުރުން ބޭންކު މެދުވެރިކޮށް އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ދޫކުރާ ލުއި ފައިނޭންސިން ފެސިލީޓީތަކަށެވެ. މީގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެނީ މިހާތަނަށް އަމިއްލަ ބޯހިޔާވަހިކަމެއް ލިބިފައިނުވާ ފަރާތްތަކަށެވެ.

މި މަޝްރޫޢުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ، އަމިއްލަ ބިންތަކުގައި ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް އިކުއިޓީ ފައިސާ ދެއްކުމުގައި ސަރުކާރުން ވެދޭ ހިލޭ އެހީއެވެ. އެގޮތުން ސަރުކާރުގެ ޚާއްޞަ ފަންޑެއްގެ ދަށުން، އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ގޯތީގައި ގެއެޅުމަށް އިކުއިޓީގެ ގޮތުގައި 200,000 ރުފިޔާއާ ހަމައަށް އަދި ފްލެޓް ގަތުމަށް އިކުއިޓީގެ ގޮތުގައި 250,000 ރުފިޔާއާ ހަމައަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ފަންޑަށް އަންނަ އަހަރުގެ ބަޖެޓުގައި 750 މިލިޔަން ރުފިޔާ ހިމެނުމަށް ނިންމާފައިވާއިރު، މިހާރުވެސް 250 މިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. އެހެންކަމުން، އަންނަ އަހަރު މި ފަންޑުން ގާތްގަނޑަކަށް އެއް ބިލިޔަން ރުފިޔާ ބޯހިޔާވަހިކަމުގެ ދާއިރާއަށް ހޭދަކުރެވިގެންދާނެއެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މި އެހީތެރިކަމުގެ ސަބަބުން އެތައް ހާސް ރައްޔިތުންނަކަށް އަމިއްލަ ބޯހިޔާވަހިކަމެއް ހޯދުމުގައި ދިމާވާ މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މަސައްކަތް ނިމޭ ފްލެޓްތައް ހަވާލުކުރުމާއި، ސްޓްރަކްޗަރ ނިމި ރެޖިސްޓްރީ ހަދައިދިނުމުގެ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު އޮންލައިން