އެލްޖީއޭ ބޯޑުގެ އިންތިހާބު ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް މަރުޙަބާ ވިދާޅުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
އެލްޖީއޭ ބޯޑުގެ އިންތިހާބު ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ދެ މެންބަރުން އިންތިހާބުކުރުމަށް ބޭއްވި އިންތިހާބު ކާމިޔާބުކުރެއްވި، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެވަޑައިގަންނަވާ ދެ ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.

މި އިންތިހާބަކީ އެލްޖީއޭގެ ބޯޑުގައި ރަށު ކައުންސިލުތައް ތަމްސީލުކުރާ މެންބަރަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިޔުޑީސީ) ރައީސުން ތަމްސީލުކުރާ މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބެކެވެ.

އިންތިހާބުގައި ރަށު ކައުންސިލަރުން ތަމްސީލުކުރައްވާ މެންބަރުކަމުގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި ފ. ނިލަންދޫ ކައުންސިލުގެ ރައީސް އަލީ އަހުމަދެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާއިން ތަމްސީލުކުރައްވާ މެންބަރުކަމުގެ ގޮނޑި ކާމިޔާބުކުރެއްވީ ށ. ފުނަދޫ ޑަބްލިޔުޑީސީގެ ރައީސާ މަރިޔަމް ޒީނާއެވެ.

މީސްމީޑިއާ މަންސަތަކުގައި ޝާއިއުކުރެއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިންތިހާބު ކާމިޔާބުކުރެއްވި ދެ ކެންޑިޑޭޓުންނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް ވިދާޅުވީ، ކޮންގްރެސް ޕާޓީން ވާދަކުރެއްވި ދެ ކެންޑިޑޭޓުންނަށް ވޯޓުދެއްވި ކައުންސިލަރުންނާއި ޑަބްލިޔުޑީސީތަކުގެ ރައީސާއިން ދެއްވި ވޯޓަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ހިދުމަތްތަކާއި ފުރުސަތުތައް ލާމަރުކަޒުކުރުމާއެކު ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަންކޮށް، އެކަމަށް ބާރުދިނުމުގެ ގޮތުން ދެއްވި ވޯޓެއް ކަމަށެވެ.

މީގެއިތުރުން، އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވި ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މި އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ޕާޓީގެ ލީޑާޝިޕާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ދާއިރާތަކުގެ ރައީސުންނާއި، ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންގެ އިތުރުން ޕާޓީގެ އެންމެހައި މެންބަރުން ކުރެއްވި ބުރަ މަސައްކަތްޕުޅު ފާހަގަކުރައްވައި، އެ ހުރިހާ ބޭފުޅުންނަށްވެސް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދު އޮންލައިން