މަކަރުވެރިންގެ މަޅިތަކުން ސަލާމަތްވެވެން އޮތީ އަންހެނުން އެކަމަށް ހޭލުންތެރިވެގެން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
މަކަރުވެރިންގެ މަޅިތަކުން ސަލާމަތްވެވެން އޮތީ އަންހެނުން އެކަމަށް ހޭލުންތެރިވެގެން

މަރީނާއަކީ ފަޤީރު ޢާއިލާއަކަށް ނިޞްބަތްވާ ކުއްޖެކެވެ. އޭނާ އާއި އެއްފެންވަރުގެ ޒުވާނަކާއި ކައިވެނިކުރަން ތައްޔާރުވަމުން ދަނިކޮށް ބަދަލުވަނީ ތަނަވަސް ދިރިއުޅުމެއް އުޅޭ ފިރިހެނަކާއިއެވެ. އޭނާގެ އަންތބަކުވެސް އިނދެއެވެ. އަނބިމީހާގެ ޙަޤީޤަތް ކިޔައެއް ނުދެއެވެ. ދެއްކީ ދޮގު ވާހަކަތަކެކެވެ. ބުނީ ނޯކަރެއްގެ ގޮތުގައި ގެއަށް ގެންދާނެ ކަމަށާއި ވަރަށް އަވަހަށް އަނބިމީހާ ވަރިކޮށްލައި މަރީނާޢާއި ކައިވެނިކުރާނެ ކަމަށެވެ.  

އޭނާގެ ބަސް ޤަބޫލުކޮށް އެގޭގައި މަސައްކަތްކުރަން ފެށިތަނުން އެނގުނީ ފިރިމީހާގެ އެއްވެސް ތަނަވަސްކަމެއް ނެތްކަމާއި ތަނވަހީ އަނބިމީހާ ކަމެވެ. އެކަން މަރީނާޢަށް އެނގުމުންވެސް ބުނީ ކަންބޮޑުނުވުމަށެވެ. އަނބިމީހާގެ ފަރާތުން ބޮޑު ތަނަވަސްކަމެއް ލިބިފައިވާ ކަމަށާއި އަނބިމީހާ ޢާއި ވަކިވެ ވަރަށް އަވަހަށް މަރީނާއާއި ގުޅޭނެ ކަމަށެވެ.  

ދުވަސްކޮޅަކުން މަރީނާއާއި ފިރިމީހާގެ ގުޅުން އަނބިމީހާއަށް އެނގުމުން ދެމީހުން އެކުގައި ގެއިން ބޭރުކޮށްލުމުން މަރީނާ ބުންޏެވެ. "މިއީ ދެމީހުން އެކުގައި އުޅެންފަށަންވީ ވަޤުތު ނޫންހެއްޔެވެ؟ އަވަހަށް ކައިވެނިކުރަމާ ހިނގާށެވެ!"  

އޭނާ ބުނީ ކައިވެނިކުރެވޭނެ ވަރުގެ ތަނަވަސްކަމެއްވެސް އޭނާގެ އަތުގައި ނެތްކަމަށާއި މަރީނާގެ ކިބައިން އެދެނީ އޭނާއަށް ގޮތެއް ފެންނަންދެން މަރީނާމެންގެ ގޭގައި ގެންގުޅެދިނުން ކަމަށެވެ. މަރީނާ ވަރަށް ދެރަވިއެވެ. ރޮމުން ސުވާލުކުރިއެވެ. "މިހައިގިނަ ދޮގުތައް ހަދައި އަހުރެންނަށް އޮޅުވައިލީ ކީއްވެގެން ހެއްޔެވެ؟" އޭނާގެ ޖަވާބަކަށްވީ އަހުރެންގެ އަނބިމީހާ އާއިމެދު ދޮގުހެދިކަން އެނގުހުރެ އަހުރެންނަށް އިތުބާރުކުރިކަން އެއީ މަރީނާ ކުރި ކުށެއް ނޫންހެއްޔެވެ؟ ހެޔޮލަފާ ތަނަވަސް އަނބިމީހާ އާއިމެދު ދޮގުހެދި މީހަކު ތިއަފެންވަރުގެ އަންހެނަކަށް މާބޮޑެތި ދޮގުތައް ހަދާނެކަން ނުވިސްނުނުކަން އެއީ މާބޮޑު މޮޔަކަމެކެވެ."  

ބުނާނެ އެއްޗެއްވެސް މަރީނާއަކަށް ނުވިސްނުނެވެ. ލިބުނު ދެރައާއިގެން ގެއަށް ދިއައީއެވެ. ހަމަޖެހިލައިގެން ކުރީގެ ލޯބިވެރިޔާއާއި ބައްދަލުކުރަން ދިއައިރު އޭނާހުރީ ކައިވެނިކޮށްގެންނެވެ. މަރީނާއަށް ބުނެވުނެވެ. "އޭނާ އެބުނީ ހަމަ ތެދަށެވެ. މިބޮޑު ދެރަ މިލިބިގަނެވުނީ އަމިއްލައަށެވެ. އަހުރެންނަށް ހަަމނުވިސްނުނީއެވެ."  

އަޅުގަނޑަކީ މަރީނާގެ އެކުވެރިއެކެވެ. މިއަދުނޫހުގެ ކިޔުންތެރިން، ޚާއްޞަކޮށް ލޮބުވެތި ކަނބަލުން ވިސްނައިލާށެވެ! މަރީނާއަށް ހުރިހާ ދެރައެއް ލިބުނީ ތަނަވަސްކަމަށް ދަހިވެތިވެވުމުންނެވެ. އެނުބައި މީހާ އެބުނިފަދައިން ހެޔޮލަފާ ތަނަވަސް އަނބިމީހާއަށް ބޭވަފާތެރިވި މީހަކު ތިމާއަށް ތެދުވެރިވާނެކަމަށް ޤަބޫލުކުރެވުނީމައެވެ. އަޅުގަނޑުވެސް ހިމެނޭހެން ހުރިހާ އަންހެނުންނަށްވެސް ސަލާމަތްކަމެއް އޮތީ ހޭލުންތެރިކަން އިތުރުކުރެވިގެންނެވެ.

 

- އައިންތު / މިއަދުނޫހުގެ ކިޔުންތެރިއެއް

- ޢބްރަތްތެރި ވާހަކަ

މިއަދު އޮންލައިން