އަނބިންގެ ސިފައަށް އަންނަ ބަދަލުތަކަށް ފުރައްސާރަކުރުމާ ވާހަކަ ނުދައްކައި ނިކަމެތިކުރުން މުސްލިމުންނަށް ހުއްދައެއް ނޫން!: ޝައިޚް އާސިމް އަލް ޙަކީމް

ކިޔުމަށް ހޭދަވާނީ 2މ 25ސ
އަނބިންގެ ސިފައަށް އަންނަ ބަދަލުތަކަށް ފުރައްސާރަކުރުމާ ވާހަކަ ނުދައްކައި ނިކަމެތިކުރުން މުސްލިމުންނަށް ހުއްދައެއް ނޫން!: ޝައިޚް އާސިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

އަސާސީ ހައްޤުތަކުގެ ތެރެއިން، އަހަރެން މި ދައްކަނީ އެންމެ މަތީ ދަރަޖައިގެ ކަންކަމުގެ ވާހަކައެއް ނޫނެވެ. އަހަރެން މި ދައްކަނީ އެންމެ ކުޑަމިންވަރުގެ (އެންމެ އަސާސީ) ވާހަކައެވެ. އަނބިމީހާ ގައިގައި ޖެހުމާއި އަނިޔާކުރުމަކީ ފިރިމީހާއަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އޭނާއަށް އިހާނެތިކޮށް ހިތުމާއި، "ކަނބުލޯގެ މޫނު ހުތުރޭ" ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް ބުނުންވެސް ހުއްދައެއް ނޫނެވެ. އިސްލާމްދީނުގައި މިއީ މުޅިން ހަރާމް ކުރައްވާފައިވާ ކަންކަން ކަމަށް ބުންޏަސް، މީހުން މިކަމަކަށް އަމަލެއް ނުކުރެއެވެ.  

އަންހެނުންގެ ރީތިކަމާ ގުޅުވައިގެން އެމީހުން އަނބިންނަށް އިހާނެތިކޮށް ބަސްތައް ބުނެއެވެ. "ބަލާބަލަ ތިޔަ ހުރި ފަލަކަމެއް!"، "ބަލާބަލަ ތިޔަ ހުރި ހުތުރުކަމެއް!"، "ތިޔައީ އެއްވެސް ތަރުތީބެއް ނެތް ސާފުތާހިރުކަން ކުޑަ މީހެކެވެ." އަދި މިއީ ކީރިތި ރަސޫލާ ﷺ ގެ އިރުޝާދުފުޅުތަކާ ޚިލާފު ކަމެކެވެ. އެކަލޭގެފާނު ވަނީ މިފަދައިން ކަންތައް ނުކުރުމަށް އަހަރެމެންނަށް އަންގަވާފައެވެ. އަދި ގޭތެރޭގައި އަނބިމީހާ އެކަނިކޮށްލާފައި (ވާހަކަނުދައްކައި އެކަހެރިކޮށް) ނުބެހެއްޓުމަށްވެސް އަންގަވާފައެވެ. 

އެހެންކަމުން އަހަރެން އަނބިމީހާއާއެކު މައްސަލައެއް ޖެހި، ޚިޔާލު ތަފާތުވުމެއް ހިނގައި، އޭނާ ދޭ ރައްދާއި، ކުރާ ބަޙުޘާއި، ނުވަތަ ޝަކުވާކުރުން ކަމުނުގޮސްގެން، މުޅި ހަފްތާއަކަށް ގެއިން ނުކުމެގެން ދިއުމަކީ މުޅިން ހަރާމް ކަމެކެވެ. މިއީ ތިބާ ބޭނުންވާ ކޮންމެ ވަގުތަކު އައިސް ވަންނަން ހުންނަ ހޮޓަލެއް ނޫނެވެ. މިއީ ތިބާގެ ގެއެވެ. މިއީ ތިބާގެ އާއިލާއެވެ. ތިބާ ހިތްހަމަނުޖެހުނު ކަމުގައި ވީނަމަވެސް، ގެއަށް އައިސް އާއިލާއާއެކު އިނުން ތިބާގެ މައްޗަށް ވާޖިބުވެގެންވެއެވެ. ފިރިހެނަކަށް ވާށެވެ. ފިރިހެނެއް ފަދައިން އަމަލުކުރާށެވެ. އަދި ވާހަކަދައްކައިގެން ކަންކަން ހައްލުކުރާށެވެ. 

އެހެންކަމުން މިއީ އަސާސީ ހައްޤުތަކެވެ. ޔަޤީނުންވެސް، މިއަށްވުރެ މައްޗަށް ތިބާ ކަންކަން ބިނާކުރަންޖެހޭނެއެވެ. އަދި މީގެ އިތުރުން އޯގާތެރިކަމާއި، ދީލަތިކަމާއި، ކެރޭކަމާއި، އަދި "އަނެކާގެ ޢައިބު ސިފަތަކައް އަޅާނުލައި ދޫކޮށްލުން" އިތުރުކުރަންޖެހޭނެއެވެ. މިއީ ބާއްޖަވެރި ކައިވެންޏެއް ބޭނުންނަމަ މުސްލިމުން އެމީހުންގެ ދިރިއުޅުމުގައި އަމަލުކުރަންޖެހޭ ކަންކަމުގެ ތެރެއިން ކަމެކެވެ. އެއީ ހަމައެކަނި ކައިވެންޏަކަށް ނޫނެވެ، އެހެން މީހުންނާއެކުވެސް ރަނގަޅު ގުޅުމެއް ބާއްވަން ބޭނުންނަމައެވެ. 

އަރަބިބަހުން މީގެ ނަމަކީ "ތަޣާފުލް" (التغافل) އެވެ. އަދި މިއީ އަޚްލާޤީ އެންމެ މަތީ ދަރަޖައެވެ. އެއީ އަކުރަށް-އަކުރަށް ބަލާއިރު "އެހެން ދިމާއަކަށް ބަލައިލުން" ނުވަތަ "ނުފެންނަކަމަށް ހަދާލުމެވެ". އަނބިމީހާ އެއްޗެކޭ ބުނެފާނެއެވެ. ކަމެއް ކޮށްފާނެއެވެ. އަޅާނުލައި ދޫކޮށްލާށެވެ. ނުފެންނަކަމަށް ހަދާލާށެވެ. އެއީ ތިބާއަށް ރައްދު ދޭން ނޭނގިގެން ނުވަތަ ފިޔަވަޅު ނޭޅިގެންނެއް ނޫނެވެ. ނަމަވެސް ތިބާއަކީ ރަނގަޅު އަޚްލާޤެއްގެ ވެރިއަކަށް ވާތީއެވެ. އަދި އިންސާނުންނަށް ކުށް ކުރެވޭނެތީ، އެކަން ނުފެންނަކަމަށް ހަދައި އަޅާނުލައި ދޫކޮށްލާށެވެ.

 

- ޝައިޚް އާސިމް އަލް ޙަކީމްގެ ދަރުސަކުން

- މިއަދުނޫސް

މިއަދު އޮންލައިން