28 މިލިޔަން ރުފިޔާގެ ތެލުގެ ވިޔަފާރީގެ ކޮރަޕްޝަން: 2 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 3ސ
28 މިލިޔަން ރުފިޔާގެ ތެލުގެ ވިޔަފާރީގެ ކޮރަޕްޝަން: 2 މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގުޅިގެން ހިންގާފައިވާ ތެލުގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، ކޮންމެ މީހަކު 8 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ. ޖަލު ހުކުމުގެ އިތުރުން ޚިޔާނާތްތެރިވި ތެލުގެ އަގަށްވާ 6.7 މިލިޔަން ރުފިޔާ ދައުލަތަށް ދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައަކީ 2019 އާއި 2020 ވަނަ އަހަރުގެ ތެރޭގައި އެމްޕީއެލްގެ އޮޕަރޭޝަންތަކަށް ބޭނުންވާ ތެޔޮ އެފްއެސްއެމް މެދުވެރިކޮށް ހޯދުމުގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކެކެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން މި ޚިޔާނާތުގައި ގެއްލުނު ފައިސާގެ ޖުމްލަ އަދަދު 28.3 މިލިޔަން ރުފިޔާއަށް އަރައެވެ. މި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތިން މީހެއްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް، ކުށް ސާބިތުވެފައިވަނީ ދެ މީހެއްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުށް ސާބިތުވި ކަމަށް ކަނޑައެޅި ދެ މީހުންނަކީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޗީފް މެނޭޖަރު މުޙައްމަދު އައިމަން އާއި، އެފްއެސްއެމްގެ ތެޔޮބައުޒަރު ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސޮޖިބްގެ މައްޗަށެވެ. މުޙައްމަދު އައިމަންގެ މައްޗަށް ސާބިތުވީ ޚިޔާނާތްތެރިވުމުގެ ކުށާއި، މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި އެނގިހުރެ ޞައްޙަ ނޫން ލިޔުމެއްގެ ތެދުކަން ދެއްކުމުގެ ކުށެވެ. ސޮޖިބްގެ މައްޗަށް ސާބިތުވީ ޚިޔާނާތްތެރިވުމުގެ ކުށުގެ އިތުރުން ސައްޙަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށެވެ.

ޝަރީއަތުން ބެލިބެލުމުގައި އެނގުނު ގޮތުގައި، އައިމަން ވަނީ އެމްޕީއެލަށް ލިބިފައިނުވާ 783,100 ލީޓަރުގެ ތެޔޮ ލިބުނު ކަމަށް ބަޔާންކޮށް ޑެލިވަރީ ނޯޓުގައި ސޮއިކުރުމަށް އިރުޝާދުދީ ލިޔެކިޔުންތައް ޕްރޮސެސްކޮށްފައެވެ. އަދި އެ ތެލުގެ އަގަށްވާ 6.8 މިލިޔަން ރުފިޔާ އެފްއެސްއެމަށް ދައްކައި، އެ ޑީސަލަށް ޚިޔާނާތްތެރިވެފައިވެއެވެ. ސޮޖިބް މި ކަމުގައި ބައިވެރިވެފައިވަނީ އެމްޕީއެލަށް ނުލިބޭ ތެޔޮ ޑެލިވަރީ ކުރި ކަމަށް ދައްކަން ޑެލިވަރީ ނޯޓު ހަވާލުކޮށް ސައްޙަނޫން ލިޔެކިޔުން އުފެއްދުމުގައެވެ.

މި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންނަށް ކަނޑައެޅި އަދަބު ތަންފީޒުކުރުމުގެ އިތުރުން، ޚިޔާނާތުގެ ފައިސާގެ ތެރެއިން 6.7 މިލިޔަން ރުފިޔާ އަނބުރާ ދައުލަތަށް ހޯދުމުގެ އަމުރެއްވެސް ކޯޓުން ވަނީ ނެރެފައެވެ.

މިއަދު އޮންލައިން