އަންނަ އަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 11،400 ޓަނުގެ މަސް ރައްކާކުރެވޭނެ ނިޒާމު ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢުތަކެއް ކުރިއަށްދާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުންގެ ފުދުންތެރިކަމާއި އިޤްތިޞާދީ މިނިވަންކަން ކަށަވަރުކުރުމުގައި އެންމެ މުހިންމު ދެ ސިނާއަތަކީ މަސްވެރިކަމާއި ދަނޑުވެރިކަން ކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި މަސް ފިނިކޮށް ރައްކާކުރާ ނިޒާމުތައް ތަރައްޤީކޮށް ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދީފައިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ހަސަން ޒަރީރު ވިދާޅުވި ގޮތުގައި، މަސް ރައްކާކުރާ ކެޕޭސިޓީ އިތުރުކުރުމުގެ އިތުރުން މެރިކަލްޗަރ ފުޅާކުރުމާއި، ދުވާލަކު އިތުރު 550 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައްވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން ޤާއިމުކުރެވޭ އައިސްޕްލާންޓުތައްވެސް ހިމެނެއެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އުއްމީދީ ފުރުޞަތުތަކެއް ފަހިވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ހުޅުމާލޭގައި އަލަށް ޤާއިމުކުރާ ބޮޑުކަންނެލި ޕެކިންގ ފެސިލިޓީގެ ސަބަބުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ސީދާ ބޭރު ފައިސާއިން އާމްދަނީ ހޯދުމުގެ ފުރުޞަތު ތަނަވަސްވެގެންދާނެއެވެ.