22 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 33.36 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 31.60 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓްގައި ފާހަގަކޮށްފިއެވެ.
ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.8 އިންސައްތަ އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް އާމްދަނީގެ ގޮތުގައި 23.44 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މި އަދަދު ވަނީ 25.73 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީ.ޖީ.އެސް.ޓީ) އަކީ ދައުލަތުގެ އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއް ބާވަތެވެ. ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ 5.7 އިންސައްތަ އިތުރުވެ، 8.87 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 2.6 އިންސައްތަ އިތުރުވެ، 1.78 ބިލިއަން ރުފިޔާއަށް ވަނީ މައްޗަށް ގޮސްފައެވެ.
އާމްދަނީ ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.8 އިންސައްތަ އިތުރުވެ، 5.97 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އިމްޕޯޓް ޑިއުޓީ 11.0 އިންސައްތަ އިތުރުވެ 2.82 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު މުދަލާއި ޚިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި 4.46 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ވެސް ވަނީ ކުރިއެރުން ލިބިފައެވެ. ނަމަވެސް، ޖުމްލަގޮތެއްގައި ޓެކްސް ނޫން އާމްދަނީ ވަނީ 9.5 އިންސައްތަ ދަށްވެފައެވެ.
ޚަރަދުތަކަށް ބަލާއިރު، 22 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 37.21 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 17.0 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދު 32.00 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، ތަރައްޤީގެ މަޝްރޫޢުތަކަށް ކުރާ ކެޕިޓަލް ޚަރަދު ވަނީ 5.21 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މި މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް ދޫކުރި ގްރާންޓް 15.9 އިންސައްތަ އިތުރުވެ، 2.08 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން ބިން ހިއްކުމާއި ބިން ބެލެހެއްޓުމުގެ މަޝްރޫޢުތަކަށް ކުރި ޚަރަދު 89.7 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި އިމާރާތްތަކާއި ބިމަށް ކުރި ޚަރަދު ވެސް ވަނީ 1.69 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
އިތުރު ޚަރަދުތަކަށް ބަލާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގަށް ކުރަންޖެހޭ ހޭދަ ބޮޑުވެ، ސަބްސިޑީއަށް ކުރި ޚަރަދު 58.6 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދަ ޚަރަދު ވަނީ 1.94 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މުސާރަ އާއި ޕެންޝަނަށް ކުރި ޚަރަދު 12.05 ބިލިއަން ރުފިޔާއަށް އިތުރުވެފައިވެއެވެ.
22 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ މާލީ ހާލަތަށް ބަލާއިރު، ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 0.27 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވީ ނަމަވެސް، ޖުމްލަ ފިސްކަލް ބެލެންސް ހުރީ 3.85 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.
ހަބަރު: ސަރުކާރު