ރާއްޖޭގެ ދެ ސަރަޙައްދެއްގައި އައު ދޮށީ ކަނދުފަތިތަކެއް ޤާއިމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރާއްޖޭގެ ދެ ސަރަޙައްދެއްގައި އައު ދޮށީ ކަނދުފަތިތަކެއް ޤާއިމްކޮށްފި

މަސްވެރިކަން ތަރައްޤީކޮށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ބ. ތުޅާދޫ އަދި ޅ. ރަތްރުއްހުރާގެ ބޭރުގައި އައު ދޮށީ ކަނދުފަތިތަކެއް ޤާއިމްކޮށްފިއެވެ. މި މަސައްކަތަކީ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.

މިގޮތުން، ބ. ތުޅާދޫ ހުޅަނގުން 10 މޭލު ބޭރުގައި މިއަދު ވަނީ އައު ދޮށީ ކަނދުފައްޗެއް އަޅާފައެވެ. G08D01-01 ނަންބަރު ދީފައިވާ މި ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ 04°59.800’N އަދި 72°40.600’E އެވެ.

މީގެއިތުރުން، ޅ. ރަތްރުއްހުރާގެ އިރުން 30 މޭލު ބޭރުގައި އިއްޔެ (31 އޮކްޓޯބަރު) ވަނީ އިތުރު ކަނދުފައްޗެއް އަޅާފައެވެ. F11D01-02 ނަންބަރު މި ކަނދުފަތި އަޅާފައިވަނީ 05°25.600’N އަދި 74°08.300’E ގައެވެ.

ކަނދުފަތިތައް ޤާއިމްކޮށް، އެ ވިއުގަ ބެލެހެއްޓުމަކީ ސަރުކާރުން އިސްކަންދޭ ކަމަކަށްވާއިރު، މި އައު ދޮށީ ކަނދުފަތިތަކުގެ ސަބަބުން އެ ސަރަޙައްދުތަކުގެ މަސްވެރިކަން އިތުރަށް ކުރިއަރައިގެންދާނެއެވެ. އަދި ޚާއްޞަކޮށް ޒުވާން މަސްވެރިންނަށާއި، ކުޅިވަރު މަސްވެރިކަން ނުވަތަ ސްޕޯޓްސް ފިޝިންގްގައި ހަރަކާތްތެރިވާ ފަރާތްތަކަށް މީގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދާނެ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން