މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ މެދުގައި އެންޒައިޓީއާއި ޑިޕްރެޝަންގެ މައްސަލަތައް ބޮޑު: ވަޒީރު ޤީލާ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ މެދުގައި އެންޒައިޓީއާއި ޑިޕްރެޝަންގެ މައްސަލަތައް ބޮޑު: ވަޒީރު ޤީލާ

ރާއްޖޭގައި މަތީ ތަޢުލީމު މަރުހަލާގައި ކިޔަވަމުންދާ ދަރިވަރުންގެ މެދުގައި ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވަމުންދާ ކަމަށާއި، ޚާއްޞަކޮށް އެންޒައިޓީއާއި ޑިޕްރެޝަންގެ މައްސަލަތައް ފާހަގަކުރެވޭ މިންވަރަށް ބޮޑުކަމަށް ސިއްހަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އީޕީއެސް ފައުންޑޭޝަންގެ 'ޝީލްޑް އެންޑް ޝައިން މެންޓަލް ވެލްބީންގް ޕްރޮޖެކްޓް' އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގައި ނަފްސާނީ މައްސަލަތައް އޮތް މިންވަރު ހާމަކޮށްދޭ ބައެއް ކަންބޮޑުވާފަދަ ތަފާސްހިސާބުތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންގެ 58.9 އިންސައްތަ ކުދިންގެ ކިބައިން މެދު މިނުން ފެށިގެން އެންމެ މަތީ ދަރަޖައާ ހަމައަށް އެންޒައިޓީ ހުންނަކަމަށް ތަފާސްހިސާބުތަކުން ދައްކާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެ ދަރިވަރުންގެ 28.9 އިންސައްތަ ކުދިންގެ ކިބައިގައި ޑިޕްރެޝަން ހުންނަކަން ފާހަގަކުރެވިފައިވާއިރު، ދިމާވާ ސްޓްރެސް ނުވަތަ ބުރަކަންތައްތައް އަމިއްލައަށް މެނޭޖް ނުކުރެވޭކަމަށް 28.3 އިންސައްތަ ދަރިވަރުން ބުނެފައިވާކަން ވެސް ވަޒީރު ހާމަކުރެއްވިއެވެ.

ވަޒީރު ޤީލާ ވިދާޅުވީ، ދަރިވަރުންނާއި ޒުވާނުންގެ މެދުގައި މިފަދަ ނަފްސާނީ މައްސަލަތައް އިތުރުވަމުންދަނީ އެކި މާޙައުލުތަކުންނާއި، ޚާއްޞަކޮށް އޮންލައިންކޮށް ދިމާވާ އެކިއެކި ކަންކަމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މިފަދަ އުނދަގޫތައް ތަޙައްމަލުކުރަމުންދާ ފަރާތްތައް ވީހާވެސް އަވަހަށް ދެނެގަނެ، އެކަށީގެންވާ ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ބެލެނިވެރިންނާއި ގާތްތިމާގެ މީހުން ހޭލުންތެރިކުރުވުމަށާއި، ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކޮށް މުޖުތަމަޢުގައި ހިންގާ ޕްރޮގްރާމުތައް އިތުރުކުރަންޖެހޭކަމަށް ވަޒީރު ވަނީ ބާރުއަޅުއްވާފައެވެ.

މިއަދު އޮންލައިން