މާލޭ އުތުރު ބަނދަރުގައި ފިންގަރ ޖެޓީތައް ހެދުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ 15 މީޓަރުގެ ތިން ޖެޓީގެ ކޮންކްރީޓް ހުރިހާ މަސައްކަތްތަކެއް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް، އެ މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ނިމިދިޔަ އޮކްޓޫބަރު މަހުގެ ކުރީކޮޅު ޢަމަލީ މަސައްކަތް ފެށި މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 18.98 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އުތުރު ބަނދަރުގައި 25 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީއާއި، 15 މީޓަރު ދިގު، 6 މީޓަރު ފުޅާ 3 ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވި ގޮތުގައި، 15 މީޓަރުގެ ތިން ޖެޓީގެ ކޮންކްރީޓް މަސައްކަތްތައް ނިމުމާއެކު، ދެން އެންމެ އަވަހަށް ކުރިއަށްދާނީ ޖެޓީތަކުގެ ޑެކްގައި ލަކުޑި ފިލާ ޖެހުމުގެ މަސައްކަތެވެ. މީގެ އިތުރުން އުޅަނދުފަހަރު އައްސާނެ މޫރިންގ ބޮލާޑް ހަރުކުރުމާއި، ޖެޓީ ސަރަޙައްދު އަލިކުރުމަށް ބޭނުންވާ ބައްތިތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ތަނުގައި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.