މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ދައުލަތުން ލިބެންޖެހޭ ފައިސާއާ އަޅައިކެނެވޭނެ އިންތިޒާމު ހަމަޖައްސައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ދައުލަތުން ލިބެންޖެހޭ ފައިސާއާ އަޅައިކެނެވޭނެ އިންތިޒާމު ހަމަޖައްސައިފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ، ދައުލަތުގެ އިދާރާއަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހި ނުލިބިވާ ފައިސާއާ އަޅައިކެނޑޭނެ އިންތިޒާމު މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ. މި އުސޫލުގެ މައިގަނޑު މަޤުޞަދަކީ ވިޔަފާރިތަކަށް މާލީ ލުއިފަސޭހަތަކެއް ހޯދައިދިނުމާއި، ދައުލަތުން ދައްކަންޖެހޭ ފައިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމެވެ.

މި އިންތިޒާމުގެ ދަށުން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ހުށަހަޅާފައިވާ ބިލްތަކުގެ ތެރެއިން ފައިސާ ނުލިބިވާ ބިލްތަކަށް، މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ ސަރުކާރުން ދައްކަންޖެހޭ ފައިސާއަށްވުރެ ބޮޑުނަމަ، ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް އަދަދު އަޅައިކެނޑުމަށްފަހު ބާކީ އޮންނަ އަދަދު މީރާއަށް ދައްކަންޖެހޭނެއެވެ. އަދި ވިޔަފާރިތަކުން މީރާއަށް ދައްކަންޖެހޭ ޓެކްސް ފައިސާ، ސަރުކާރުން އެ ފަރާތަކަށް ދައްކަންޖެހޭ ފައިސާއަށްވުރެ ކުޑަވާ ހާލަތްތަކުގައި، ޓެކްސްގެ އަދަދު ކެނޑުމަށްފަހު ބާކީވާ ފައިސާ ސަރުކާރުން އެ ވިޔަފާރިއަކަށް ދޫކުރާނެއެވެ.

މި އުސޫލުގެ ދަށުން ފައިސާ އަޅައިކެނޑުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މީރާކަނެކްޓް މެދުވެރިކޮށް، ނުވަތަ "MIRA 904" ފޯމު (އެޖަސްމަންޓް/ރީފަންޑަށް އެދޭ ފޯމު) އަދި އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެއެވެ. ފައިސާ އަޅައިކެނޑުމަށް އެދި ހުށަހަޅާއިރު، ލިބެންޖެހޭ ފައިސާގެ ފުރިހަމަ ތަފްޞީލު ހުށަހަޅަންޖެހޭނެއެވެ.

މީގެއިތުރުން، ދައުލަތުގެ އިދާރާތަކުން ލިބެންޖެހޭ ފައިސާގެ ސައްޙަކަން މާލީ ވުޒާރާ މެދުވެރިކޮށް މީރާއިން ކަށަވަރުކުރަމުން ގެންދާނެއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުންޏަކުން ލިބެންޖެހޭ ފައިސާއެއްނަމަ، އެކަން ކަށަވަރުކުރާނީ ސީދާ އެ ކުންފުންޏެއް މެދުވެރިކޮށެވެ. މި އުސޫލުގައި ސަރުކާރު ކުންފުނިތަކުގެ ގޮތުގައި ބަލާނީ މާލީ ވުޒާރާއިން ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ ކުންފުނިތަކެވެ.

މިއަދު އޮންލައިން