އޯއައިސީގެ ކޮރަޕްޝަނާ ދެކޮޅު 3 ވަނަ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
އޯއައިސީގެ ކޮރަޕްޝަނާ ދެކޮޅު 3 ވަނަ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރު ޤައުމުތަކުގެ ކޮރަޕްޝަނާ ދެކޮޅަށް ޤާނޫނު ތަންފީޛުކުރާ މުއައްސަސާތަކުގެ 3 ވަނަ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި އޮކްޓޫބަރު 27 އިން 28 އަށް ކުރިއަށްދިޔަ މި ބައްދަލުވުމަކީ އެ ޤައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އިންތިޒާމުކޮށްގެން ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ރާއްޖޭގެ މަތީފަންތީގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނެވެ. މީގެއިތުރުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އަލްއުސްތާޛު އާދަމް ޝާމިލް އަދި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަޞީޙު ވެސް މި ވަފުދުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އޯއައިސީގެ މެންބަރު އަދި އޮބްޒާވަރު 46 ޤައުމަކާއި ބައިނަލްއަޤްވާމީ 8 ޖަމްޢިއްޔާއަކުން 250 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކުގައި އޯއައިސީގެ ޤައުމުތަކުގެ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމެވެ. މިގޮތުން، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ގުޅުން ބަދަހިކުރުމާއި، މަޢުލޫމާތު ބަދަލުކުރުމުގެ އިތުރުން ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތުގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

މީގެއިތުރުން، 2023 ވަނަ އަހަރު އޯއައިސީގެ މެންބަރު ޤައުމުތަކުން އެކުލަވާލި ކޮރަޕްޝަނާ ދެކޮޅަށް ޤާނޫނު ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމާ ގުޅޭ "މައްކާ އަލްމުކައްރަމާ ކޮންވެންޝަން" އަށް މި ބައްދަލުވުމުގައި ވަނީ އަލިއަޅުވާލާފައެވެ. މަޢުލޫމާތު ބަދަލުކުރުމާއި، އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ކޮރަޕްޝަންގެ މައްސަލަތައް ތަޙްޤީޤުކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިކޮށްދޭ މި މުހިންމު އޮނިގަނޑުގައި މެންބަރު ޤައުމުތަކުން ސޮއިކޮށް، ތަޞްދީޤުކޮށް، އެ އުޞޫލުތައް ފުރިހަމައަށް ތަންފީޒުކުރުމުގެ މުހިންމުކަން ބައްދަލުވުމުގެ ބައިވެރިން ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން