އެމްޓީޑީސީގެ އާމްދަނީ އިތުރުކުރުމަށް އައު މަޝްރޫޢުތަކެއް ފަށަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
އެމްޓީޑީސީގެ އާމްދަނީ އިތުރުކުރުމަށް އައު މަޝްރޫޢުތަކެއް ފަށަނީ

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް އާމްދަނީ ލިބޭނެ އިތުރު ވަސީލަތްތައް ޤާއިމުކޮށް، ކުންފުނީގެ މުސްތަޤުބަލު އުއްމީދީ ކުރުމަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމްޓީޑީސީގެ އައު އޮފީސް އިމާރާތް ހުޅުވުމަށް ބޭއްވި ޚާއްޞަ ހަފްލާގައި ވާހަކަދައްކަވަމުން އެމްޑީ ހާރިސް ވިދާޅުވީ، ކުންފުނީގެ 20 އަހަރުގެ ތާރީޚުގައި ލިބިފައިވާ ކާމިޔާބީތައް މަދު ނަމަވެސް، ކުރިމަގާ މެދު ދެކެނީ ވަރަށް އުއްމީދީ ގޮތަކަށް ކަމަށެވެ. އެގޮތުން އައު އިންވެސްޓުމަންޓުތަކާއި އައު ވިޔަފާރިތަކުގެ ތެރެއަށް ވަދެ، ކުންފުންޏަށް ލިބޭ އާމްދަނީއަށް އިތުރު ކުރިއެރުމެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކުގެ ތެރެއިން، އާމްދަނީ ލިބޭނެ ފަދަ ގޮތަކަށް މާލެ ސަރަހައްދުގައި އިތުރު އޮފީސް އިމާރާތެއް އެޅުމަށް ވިސްނާފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ހާރިސް ވިދާޅުވިއެވެ.

"މިކަހަލަ އެހެން ބިނާއެއް މާލެ އޭރިއާގައި ކުރު މުއްދަތެއްގެތެރޭގައި ބިނާކޮށް، އެ މުދާ ބޭނުންކޮށްގެން އާމްދަނީ ލިބޭނެގޮތްތައް ހޯދުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން،" ހާރިސް ވިދާޅުވިއެވެ.

މީގެއިތުރުން، މިފަދަ ކޮންމެ އިންވެސްޓްމަންޓަކާއެކު ކުންފުނީގެ ހިއްސާދާރުންނަށް ލިބޭ މަންފާ ބޮޑުވެގެންދާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި އެހެން ފަރާތްތަކަށް ބަރޯސާވުން ނިމުމަކަށް ގެނެސް، މިހާރު އާމްދަނީ ހޯދަމުންދާ ހަރުމުދާ ހިމާޔަތްކުރުމާއެކު އާމްދަނީ ލިބޭނެ އައު މަގުތައް ފަހިކުރުމަކީ ކުންފުނީގެ އެންމެ އިސް ލަނޑުދަނޑި ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން