ޣީބަ ބުނެ ދެކެވޭ ވާހަކަތަކުގައި ޢާންމުގޮތެއްގައި ގިނަވާނީ މުސްލިމް އަންހެނެއްގެ ޢަބުރާއި ކަރާމާތް ގެއްލުވާލަން ދެކެވޭ ވާހަކަތަކެވެ. ފިރިހެނުން ޢާންމުގޮތެއްގައި ދައްކާނީ އަންހެނަކާއިއެކު ހިންގާފައިވާ ގުޅުމެއްގެ ވާހަކައެވެ. އަންހެނުން ގިނަ ވާހަކަތައް ފަތުރާނީ އޮންނަ ޙަސަދަވެރިކަމެއްގެ ސަބަބުންނެވެ.
ފިރިހެނުންނަށް ބުނެލަން އޮތީ އަންހެނެއްގެ ނާޖާއިޒު ފައިދާ ނަގައިފިނަމަ ކުށްވެރިވާނީ ހަމައެކަނި އަންހެނާއެއް ނޫނެވެ. އެކަންކުރިމީހާވެސް ފާފަވެރިވާނެއެވެ. އަދި އެއީ ލޯބިވާކަމަށްބުނެ މަކަރު ހަދައިގެން ކުރި ކަމެއްނަމަ ފާފަ އިތުރަށް ބޮޑުވެގެންދެއެވެ. ހަމަ އެއާއިއެކު ދަތިޙާލުގައި އުޅޭ އަންހެނަކަށް އެހީތެރިވެދީފައި ބަދަލުގައި ފާފައަކަށް އަރައިގެންފިނަމަ އެކަމުގެ ފާފަ ވަކިން ބޮޑުވާނެއެވެ. ޔަޤީންކުރަންވީ ތިބާ ކުރި ޢަމަލުގެ އިތުރަށް ތިބާގެ ނިޔަތްވެސް ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެވެ.
އަންހެނުންނަށް ބުނެލަން އޮތީ އުޚުތަކަށް ދެރަގޮތެއް މެދުވެރިވުމުން އޭނާ ފަޟީހަތްނުކުރާށެވެ! އަގުވައްޓާލައި އޭނާގެ ދިރިއުޅުން ކުރިއަށް ގެންދަން ހުރި މަގުތައް ބަންދުކުރަން މަސައްކަތް ނުކުރާށެވެ! ތިބާއަށް މާދަމާ ކުރިމަތިވާނެ ޙާލަތެއް ނުއެނގޭނެއެވެ.
ﷲ ތަޢާލާ އަންގަވާފައިވަނީ މީސްތަކުންގެ އާިބުތައް ފޮރުވުމަށެވެ. އެއިރުން އެމީހަކަށް ޤިޔާމަތް ދުވަހު ދެއްވަވާނެ މަތިވެރި ދަރަޖަވެސް ވަނީ އަންގަވައިފައެވެ. ވީމާ ޙަޤީޤަތެއް އޮތަސް އެހެން މީހެއްގެ އަޢިބުތައް ބޭޒާރުނުކުރާށެވެ! ދޮގުހަދައިގެން ވާހަކަތައް ފެތުރުމަކީ ފާފަ އިތުރަށް ބޮޑުވާނެ ކަމެކެވެ. މިބަޔާންކުރި ކަންކަމަކީ ދުނިޔޭގައިވެސް އެކަމުގެ ޢަޛާބާއި ކުރިމަތިލާންޖެހޭ ކަންކަމެވެ.
ދުޢާއަކީ ދުނިޔެއާއި އާޚިރަތް ގެއްލިގެން ހިނގައިދާނެ މިފަދަ އެންމެހައި ކަންކަމުން ސަލާމަތްވެ ތިބުމުގެ ވިސްނުން ދެއްވެވުމެވެ. ނަރަކައިގެ ގަދަފަދަ ޢަޖާބުން ސަލާމަތްކަން ލިބުމެވެ. އާމީން
- މުފްތީ މެންކުގެ ދަރުސަކުން