މަސްވެރިކަން ރަނގަޅުވެ، އޮކްޓޯބަރު މަހު މިފްކޯއިން މަސްވެރިންނަށް 30 މިލިޔަން ރުފިޔާ ދޫކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
މަސްވެރިކަން ރަނގަޅުވެ، އޮކްޓޯބަރު މަހު މިފްކޯއިން މަސްވެރިންނަށް 30 މިލިޔަން ރުފިޔާ ދޫކޮށްފި

ރާއްޖޭގެ މަސްވެރިކަން ރަނގަޅުވާން ފެށުމާ ގުޅިގެން، ނިމިދިޔަ އޮކްޓޯބަރު މަހު މަސްވެރިންނަށް 30 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މިދިޔަ ސެޕްޓެންބަރު މަހާ އަޅާބަލާއިރު އޮކްޓޯބަރު މަހު މަސް ކިރުވި ދޯނިތަކުގެ އަދަދާއި ކިރުވި މަހުގެ ޖުމްލަ މިންވަރު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ. އެގޮތުން ސެޕްޓެންބަރު މަހު 453 ދޯންޏަކުން މަސް ކިރުވާފައިވާއިރު، އޮކްޓޯބަރު މަހު މަސް ކިރުވި ދޯނީގެ އަދަދު ވަނީ 462 އަށް އަރާފައެވެ.

ކިރުވި މަހުގެ ޖުމްލަ އަދަދަށް ބަލާއިރު، ސެޕްޓެންބަރު މަހު ކިރުވާފައިވަނީ 1,288.42 ޓަނުގެ މަހެވެ. ނަމަވެސް އޮކްޓޯބަރު މަހު މި އަދަދު ވަނީ 1,356 ޓަނަށް އިތުރުވެފައެވެ. މިއީ މަހުން މަހަށް ބަލާއިރު 5.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ކިރުވި މަހުގެ އަދަދު އިތުރުވުމާ ގުޅިގެން މަސްވެރިންނަށް ދޫކުރި ފައިސާގެ މިންވަރުވެސް ވަނީ ބޮޑުތަނުން މައްޗަށް ގޮސްފައެވެ. ސެޕްޓެންބަރު މަހު މަސްވެރިންނަށް 27.32 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، އޮކްޓޯބަރު މަހު މިފްކޯއިން ވަނީ މަސްވެރިންނަށް 30.03 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. އަދި އޮކްޓޯބަރު މަހުގެ ބައެއް ދުވަސްތަކުގައި، ދުވާލެއްގެ މައްޗަށް 2 މިލިޔަން ރުފިޔާއާ ގާތްކުރާ އަދަދަކަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާކަންވެސް ހިސާބުތަކުން އެނގެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މަސްވެރިކަމާއި އެންވެރިކަން ދަށްވެފައި އޮތުމަށްފަހު، ސެޕްޓެންބަރު އަދި އޮކްޓޯބަރު މަހު މަސްވެރިކަން އަލުން ރަނގަޅުވާން ފެށުމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށާއި މަސްވެރިންގެ އާމްދަނީއަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ.

މިއަދު އޮންލައިން