ކުދި ޤައުމުތަކަށް މާލީ އެހީތެރިކަން ހޯދުމަށް ފޮރިން މިނިސްޓަރު ގޮވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ކުދި ޤައުމުތަކަށް މާލީ އެހީތެރިކަން ހޯދުމަށް ފޮރިން މިނިސްޓަރު ގޮވާލައްވައިފި

ކުދި ޤައުމުތަކަށް ދިގު މުއްދަތަށް، ފަސޭހައިން، އަދި އެކަށޭނަ މިންވަރަކަށް މާލީ އެހީތެރިކަން ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މުހިންމުކަން ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ފާހަގަކުރައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ އެންޓީގާ އެންޑް ބާބިއުޑާގެ ވެރިރަށް ސެއިންޓް ޖޯންސްގައި ކުރިއަށްދިޔަ ކޮމަންވެލްތު މިނިސްޓަރސް މީޓިންގ އޮން ސްމޯލް ސްޓޭޓްސް ކޯ-ޗެއަރ ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

"ސްކޭލިންގ އަޕް ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޮރ ރެސީލިއަންޓް ސްމޯލް ސްޓޭޓްސް" މި ޝިއާރުގެ ދަށުން ބޭއްވި މި ބައްދަލުވުމަކީ، 28 ވަނަ ކޮމަންވެލްތު ހެޑްސް އޮފް ދަ ގަވަރމަންޓް މީޓިންގ (ޗޮގްމް) ގެ ކުރިން ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރު ވަނީ ކުދި ޤައުމުތަކުގެ ޙައްޤުތަކުގައި ވަކާލާތުކުރުމުގެ ނިޒާމުތައް ވަރުގަދަކުރުމަށް ގޮވާލައްވާފައެވެ. އަދި މިހާރުވެސް ޤާއިމުވެފައި ހުރި ބައިނަލްއަޤްވާމީ ނިޒާމުތައް ކަމަށްވާ "އެންޓީގާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް" (އަބާސް) ފަދަ ނިޒާމުތަކުގެ ބޭނުން ފުރިހަމައަށް ހިފުމުގެ މުހިންމުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށާއި، ވިޔަފާރިއާއި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އަދި ޑިޖިޓަލް ބަދަލުތަކަށް ކުރާ އިންވެސްޓްމަންޓްތައް ފުޅާކުރުމަށްޓަކައި، ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި، ތަރައްޤީގެ ބައިވެރިން އަދި ޕްރައިވެޓް ސެކްޓަރާއެކު އޮންނަ ގުޅުންތައް މިހާރަށްވުރެ ހަރުދަނާކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މޫސުމީ ނުރައްކާތަކަށް ދާއިމީ ޙައްލެއް ހޯދުމަށްޓަކައި އެކަށޭނަ ވަޞީލަތްތައް ފޯރުކޮށްދިނުމުގެ މުހިންމުކަން ތަކުރާރުކުރައްވަމުން، މިނިސްޓަރު ވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ކުރިމަގު ބިނާކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން