ޝަރުޠު ހަމަވާ އެންމެންނަށް ބޯހިޔާވަހިކަން ކަސަވަރުވެގެންދާނެ ބިޔަ މަޝްރޫޢެއްގެ އިތުރަށް ރާއްޖޭގެ އިޤްޠީޞޯދަށް ރެކޯޑް ޢަދަދަކަށް ކުރިއެރުން ލިބޭނެ ބޮޑު ބިޔަ މަޝްރޫޢަކަށް ސަރުކާރުން ކުރިމަތިލުމުން އެމަޝްރޫޢުގައި އެއްގޮތަކަށްވެސް ނުހިމެނޭ ކަންތައްތަކެއްގެ ވާހަކަތައް ފަތުރައި ރައްޔިތުންނަށް ދޮގު މައުލޫމާތުތަކެއް ދިނުމަށްފަހު މިހާރު ދައްކަނީ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ވާހަކައެވެ.
އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ ތައުލިމީ މަހަޖުގައި ހިމަނައިގެން ޔަހޫދީންނަކީ އެއްވެސއް ކުށެއް ނުކުރާ މަޢްޞޫމް ބައެއްކަން ކިޔަވައިދޭން މަސައްކަތްކުރުމާ، އިޒްރޭލްގެ އެއާލައިން ރާއްޖެ ގެންނަން މަސައްކަތްކުރުމާ، ދެޤައުމުގެ މެދުގައި ޑިޕޮލޮމެޓިކް ގުޅުން ޤާއިމުކޮށް ސަފީރުން ޢައްޔަނުކުރުމަށް މަސައްކަތްކުރުމާ، އެންމެ ހަރުކަށި ޔަހޫދީން ގެނެސް ދިވެހިންގެ ލޯކޮނުނީވެސް، އަދި ދިވެހި ރައްޔިތުން ޖާނާމާލުން ޤުރްބާންވެގެން އެޅި އެއާޕޯޓް ޖީއެމްއާރަށް ދިނީވެސް ރައްޔިތުންގެ ޚިޔާލު ހޯދާފައިތޯއެވެ؟ އަދި ފުރަމާލޭގެ އެންމެ އަގުބޮޑު 4 ބިން އަނބުރާ ލިބުމުގެ ހުވަފެނެއްވެސް ފެންނަން ނެތް ގޮތަށް ދޫކޮށްލާފައި އެއޮތީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން ހެއްޔެވެ؟
ވެރިކަން ލިބޭއިރަށް ތިމާމެން ކިތަންމެ ބޮޑު ނުބައިކަމެއް ކުރަން ބޭނުންވިޔަސް އެކަމެއް ކުރަނީއެވެ. ޤައުމުގެ އިޤްޠިޞޯދު އިނދަޖެހިގެންދާނެ ކަންކަންވެސް ކުރަނީއެވެ. ސަރުކާރުގެ ކުންފުނިތައްވެސް ވިއަކަނީއެވެ. މިހުރީ ވިސްނާ ނުވަތަ ބަލާ ކޮންމެ މީހަކަށްވެސް ފެންނަން ހުރި ކަންކަމެވެ. އިތުރަށް ދިރާސާތަކެއް ކުރާކަށްވެސް ނުޖެހެއެވެ. ހުރީ ހާމައަށް ފެންނާށެވެ!
ރައީސް ޑރ. މުޙައްމަދު ވިދާޅުވެފައިވާ ފަދައިން ހުޅުމާލޭގައި އަދިވެސް އެއުޅެނީ އަސާސީ ޚިދުމަތްތައް ޤާއިމުނުކުރެވިގެންނެވެ. 30 އަހަރުވެގެންދިއައީއެވެ. ރަސްމާލލޭގެ ބިން ކުރުމުއްދަތެއްގައި ހިއްކައި ދުނިޔޭގެ ފެންވަރަށް ތަރައްޤީކުރެވި އެތައް ހާސް ބައަކަށް ބޯހިޔާވަހިކަން ލިބުމަށް މިސަރުކާރުން މަގުފަހި އެކުރަނީ ފުރަތަމަވެސް ދުނިޔޭގެ ފެންވަރުގައި ތަރައްޤީކުރެވޭ ސިޓީއެއްގެ ގޮތުގައެވެ.
އަމިއލައަށް ވެރިކަންކުރަމުންވެސް މުޒާހަރާނުކޮށް ނުތިބެވޭ ބައަކަށް އިދިކޮޅުގައި މަޑުން ތިބުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރައްޔިތުން ރައީސް ޑރ. މުޢިއްޒުގެ އަރިހުން އެދެނީ ޤައުމުގެ ކުރިއެރުމަށް ހުރަސްއަޅަން އިދިކޮޅުން ކުރާ އެއްވެސް ކަމަކަށް ނުބައްލަވައި ކުރިއަށް ވަޑައިގަތުމަށެވެ.