ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމުގައި އެއްބައިވަންތަވުމަށް ދިފާޢީ ވަޒީރު އިލްތިމާސްކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމުގައި އެއްބައިވަންތަވުމަށް ދިފާޢީ ވަޒީރު އިލްތިމާސްކުރައްވައިފި

ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް، ދުޝްމަނުންގެ ނުބައި ރޭވުންތަކުން ޤައުމު ސަލާމަތްކުރުމުގައި ކޮންމެ ދިވެހި ރައްޔިތަކުވެސް އެއްބައިވަންތަކަމާއެކު މަސައްކަތް ކުރުމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު އިލްތިމާސްކުރައްވައިފިއެވެ.

ވަޒީރު މިފަދައިން އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރަމުންދާ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚާއްޞަ ޚިޠާބުގައެވެ.

ނޮވެމްބަރު 3، 1988 ގައި ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، އެ ދުވަހަކީ ބިރުވެރިކަމާއި ނާމާންކަމުން ދިވެހި ޖައްވު ބަނަކޮށްލި ހިތާމަވެރި ދުވަހެއް ކަމަށެވެ. އަދި ދިވެހިންގެ މަދު ބަޔަކު ބޭރުގެ ޓެރަރިސްޓް ޖަމާޢަތަކާ ގުޅިގެން ދިން އެ ނުރައްކާތެރި ޙަމަލާގެ ސަބަބުން، ކުށެއްނެތް 19 ދިވެހިން ޝަހީދުވެ، އެތައް ބަޔަކަށް ބޮޑެތި އަނިޔާތަކެއް ލިބިގެންދިޔަ ކަން ވަޒީރު ހަނދާން އާކުރެއްވިއެވެ.

ވަޒީރުގެ ޚިޠާބުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެ ދުވަހު ޤައުމަށްޓަކައި ޝަހީދުވެދިޔަ ހިތްވަރުގަދަ ސިފައިން ދައްކައިދިނީ ޤައުމު އިސްކުރުމުގެ މަތިވެރި ނަމޫނާއެކެވެ. އަދި އެ ބޭފުޅުން ފުރާނައިން ޤުރުބާންވެގެން ދިފާޢުކޮށްދެއްވީ ދިވެހި ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ކަމަށްވާތީ، އެ ޝަހީދުންގެ ޒިކުރާއާއި ޤުރުބާނީގެ މަތިން މުޅި ޤައުމު އަބަދުވެސް ފަޚުރުވެރިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚިޠާބު ނިންމަވާލައްވަމުން ވަޒީރު ވަނީ، މިއަދު ކޮންމެ ދިވެހި ރައްޔިތަކުވެސް ޚާއިނުންގެ ނުބައި ރޭވުންތަކުން ޤައުމު ސަލާމަތްކުރުމަށްޓަކައި ސާބިތުކަމާއެކު ތެދުވެ، މާތްވެގެންވާ އިސްލާމްދީނާއި ޤައުމުދެކެ ލޯބިވާ ބަޔަކަށް ވުމަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު އޮންލައިން