މިބަޔާންކުރަނީ ވަރަށް މަދުން ނޫނީ މީހަކަސް ދިމާވާނެ ޙާލަތެއް ނޫނެވެ. ނަމަވެސް މިކަމުގެ ޙުކުމުން ލިބިގަންނަޖެހޭ ވަރަށް މުހިންމު ފިލާވަޅެއް އެބަ އޮތެވެ. އެއީ ބުއްދި ސަލާމަތުން ހުރެ، އަދި ނިދީން ހޭލެވިހުރިނަމަ ނަމާދު އެޅޭނެ އެއްވެސް ޢުޛުރެއް ނެތްކަމެވެ.
މީހެއްގެ ބަލިޙާލަތު ހުންނަ ގޮތަކުން ވުޟޫވެސް އަދި ތަޔައްމަމްވެސް ނުކުރެވޭފަދަ ޙާލަތެއްގައިވީނަމަވެސް ނަމާދު އެޅުމެއް ނެތެވެ. އޮތީ ނަމާދުކުރުމެވެ. އެމީހާގެ ޙާލަތު ﷲ ތަޢާލާ މޮޅަށް ދެކެދެނެވޮޑިގެންވެއެވެ.
ސުވާލު:. ދެ ތަހާރަތުން މަޙުރޫމް ވެފައިވާ މީހާ ނަމާދުކޮށް ދީނުގެ ފަރުޟުތައް އަދާކުރެވޭނެ ގޮތަކީ ކޮބައިތޯ؟ އެއީ ފެނާއި ވެލި، ނޫނީ ހިރަފުސް ތަޔަންމަމު ކުރުމުން، ބަލި ބޮޑުވާކަމަށް ޢަދުލުވެރި އިސްލާމް ޑޮކްޓަރ ބުނެފިނަމަ ކިހިނެއްތޯ ހަދާނީ؟
ޖަވާބު:. ވުޟޫވެސް ތަޔަންމަމުވެސް ނުކޮށް ނަމާދު ކުރާނީ.
- ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުލްލަތީފް
( ވުޟޫވެސް، ތަޔަންމަމުވެސް ނުކޮށް ނަމާދު ކުރެވޭނެ ޙާލަތަކީ ފެނުން ވުޟޫކުރުމުންނާއި ވެލި، ނޫނީ ހިރަފުސް ތަޔަންމަމު ކުރުމުން، ބަލި ބޮޑުވާކަމަށް ޢަދުލުވެރި އިސްލާމް ޑޮކްޓަރަކު ބުނެފިނަމައެވެ.)