މިނިވަންކަންމަތީ ދިވެހި ފަސްގަނޑު ދެމިއޮތުމުގެ އެންމެ ބޮޑު އަސާސަކީ ދިވެހި ސިފައިން ދެއްކެވި ހިތްވަރާއި ޤުރުބާނީކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ނަޞްރުގެ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ދިވެހި އަސްކަރިއްޔާގެ ހިތްވަރުގަދަ ސިފައިންނަށާއި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވަމުން ރައީސް ވިދާޅުވީ، ޤައުމުގެ ދިފާއުގައި ސިފައިން ކުރެއްވި މަތިވެރި ޖިހާދަކީ މިއަދުގެ ޖީލުތަކާއި ކުރިމަގުގެ ޖީލުތަކުން ވެސް ފިލާވަޅު ލިބިގަންނަންޖެހޭ މުހިންމު ޒިކުރާއެއް ކަމަށެވެ. އަދި އެ ހިތްވަރާއި ޤުރުބާނީ އަބަދުވެސް ހަނދާންކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާއުގައި ފުރާނައިން ޤުރުބާންވެވަޑައިގެންނެވި މަތިވެރި އަބްޠާލުންގެ ޒިކުރާ އާކުރައްވައި، އެ ޝަހީދުންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން ދުޢާ ދަންނަވާފައެވެ.