އެލްޖީއޭ ބޯޑު އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފި؛ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
އެލްޖީއޭ ބޯޑު އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފި؛ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން އައްޔަނުކުރުމަށް ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާނުކޮށްފައިވާއިރު، ކުރިން އިއުލާނުކުރި ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ. މި އިންތިޚާބުގައި ވާދަކުރި ހުރިހާ މަޤާމުތަކެއްވެސް ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެލްޖީއޭ ބޯޑަށް އިންތިޚާބުކުރަންޖެހެނީ ޖުމްލަ 3 މެންބަރުންނެވެ. އެއީ ސިޓީ ކައުންސިލަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރެއްގެ އިތުރުން ރަށްރަށާއި ސިޓީތަކުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކުގެ ރައީސުންގެ ތެރެއިން އިންތިޚާބުކުރެވޭ މެންބަރެކެވެ.

މި އިންތިޚާބުގައި ސިޓީ ކައުންސިލަރުންގެ ތެރެއިން ބޯޑަށް އިންތިޚާބުކުރަންޖެހޭ މަޤާމަށް ކުރިމަތިލައްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފް އެކަންޏެވެ. އެހެންކަމުން، އިތުރު ވާދަވެރިއަކު ނެތުމުގެ ސަބަބުން އޭނާ ވަނީ ވޯޓަކާ ނުލައި އެ މަޤާމަށް އިންތިޚާބުވެވަޑައިގެންފައެވެ.

ރަށު ކައުންސިލަރުންގެ ފަރާތުން އެލްޖީއޭ ބޯޑުގައި އިންނަވާ މެންބަރު ހޮވުމަށް ބޭއްވި ވާދަވެރި ވޯޓު ކާމިޔާބުކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަލީ އަޙްމަދު އެވެ. އޭނާ މި އިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓް އަލީ ޒާފިރާ ވާދަކުރައްވައިގެންނެވެ. ދާއިމީ ނަތީޖާ ދައްކާގޮތުން ޕީއެންސީގެ ކެންޑިޑޭޓް އަލީ އަޙްމަދަށް 314 ވޯޓު ލިބިވަޑައިގެންނެވި އިރު، އެމްޑީޕީގެ ކެންޑިޑޭޓް އަލީ ޒާފިރަށް ލިބިވަޑައިގަތީ 227 ވޯޓެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭއަށް އިންތިޚާބުކުރި މެންބަރުގެ މަޤާމު ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް މަރިޔަމް ޒީނާ އެވެ. އޭނާ މި މަޤާމު ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ނީނާއާ ވާދަކުރައްވައި 93 ވޯޓު ހޯއްދަވައިގެންނެވެ. މި ގޮނޑިއަށް ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މަރިޔަމް ނީނާއަށް ލިބިވަޑައިގަތީ 67 ވޯޓެވެ.

މިއަދު އޮންލައިން