ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސިފައިންގެ އަސްކަރީ ހުށަހެޅުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ސިފައިންގެ އަސްކަރީ ހުށަހެޅުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފި

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު، ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ސިފައިންގެ އަސްކަރީ ހުށަހެޅުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން، އެ ދެކަނބަލުންނާ އިސްތިޤްބާލުކުރެއްވީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

މިއަދުގެ ޙަރަކާތްތައް ރަސްމީ ގޮތުން ފެށުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އަށް ރިޔާސީ ކުރުނީހެއް އެރުވުނެވެ. އެއަށްފަހު އޮތީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ ޢަސްކަރީ ހުށަހެޅުމެއް ދައްކާލުމެވެ. މި ޢަސްކަރީ ހުށަހެޅުމަށްފަހު، ކުރިޔަށްދިޔައީ ސިފައިންގެ މިލިޓަރީ ބޭންޑުން ތައްޔާރުކޮށްފައިވާ ހުށަހެޅުމެކެވެ. މި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން މިއަދު ކުރިޔަށްދިޔަ ޢަސްކަރީ ޙަރަކާތުގެ ބައިވެރިންނާއެކު ނެގި ފޮޓޯއެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަހީމް ޢަބްދުﷲ އާއި އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދާއި ދައުލަތުގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ޢިއްޒަތްތެރިން ބައިވެރިވެވަޑައިގަތެވެ.

މިއަދު އޮންލައިން