އެމްޓީސީސީ ބޯޑުގެ ހުސްވެފައިވާ ޑިރެކްޓަރު މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 51ސ
އެމްޓީސީސީ ބޯޑުގެ ހުސްވެފައިވާ ޑިރެކްޓަރު މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް ހުސްވެފައިވާ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ރަސްމީކޮށް މިއަދު ހުޅުވާލައިފިއެވެ. މި މަޤާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިނގާ ނޮވެމްބަރު މަހުގެ 24 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.

އެމްޓީސީސީގެ ހިންގާ ޤަވާއިދުގެ 57 ވަނަ މާއްދާއާއި މިހާރުގެ ހިއްސާގެ ނިސްބަތަށް ބަލާއިރު، ސަރުކާރުގެ ފަރާތުން ބޯޑަށް 5 ޑިރެކްޓަރުން އައްޔަނުކުރާއިރު، އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކުރަން ޖެހެނީ 2 ޑިރެކްޓަރުންނެވެ. މިފަހަރު އާންމުކޮށް ހުޅުވާލާފައިވަނީ އާންމު ހިއްސާދާރުން ތަމްސީލުކުރާ ގޮނޑިތަކުގެ ތެރެއިން ހުސްވެފައިވާ މަޤާމަކަށެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހެނީ އެ ކުންފުނީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯޓަލް (sop.mtcc.com.mv) މެދުވެރިކޮށެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި، ދިވެހި ރައްޔިތެއް ކަމުގައިވުމާއެކު އުމުރުން 30 އަހަރު ފުރިފައިވުމާއި، ކުންފުނީގެ ހިއްސާދާރަކަށް ވުން ނުވަތަ ހިއްސާދާރު ކުންފުންޏަކުން ނޮމިނޭޓްކޮށްފައިވާ ފަރާތަކަށް ވުން ހިމެނެއެވެ. މީގެއިތުރުން، މާލީ ރިޕޯޓުތައް ދިރާސާކުރުމުގެ ޤާބިލުކަމާއި ވިޔަފާރީގެ ދާއިރާއަށް އަހުލުވެރިވެފައިވުމާއެކު، ޝަރުޢީ ކޯޓަކުން ބަނގުރޫޓުވެފައިވާކަމަށް ކަނޑައަޅާފައި ނުވުމާއި އަދާކުރަމުންނުދާ ސާބިތު ދަރަންޏެއް ނެތް މީހަކަށް ވާންޖެހެއެވެ. އަދި ފާއިތުވި 5 އަހަރުގެ ތެރޭގައި ބޯޑު މެންބަރުކަމުގެ މަސްއޫލިއްޔަތުން ސަސްޕެންޑް ނުވަތަ ޑިސްކޮލިފައި ކޮށްފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާފައިވާ ފަދައިން، ބޯޑުގެ މި މަޤާމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަށް އެމްޓީސީސީން ވަނީ ޚާއްސަ އިސްކަމެއް ދީގެން އިލްތިމާސްކޮށްފައެވެ.

މި މަޤާމަށް ބޭފުޅަކު ހޮވުމުގައި ކޯޕަރޭޓް ގަވަރނަންސް، ފައިނޭންސް، ޤާނޫނީ އަދި ބިޒްނަސް ޑިވެލޮޕްމަންޓް ދާއިރާއިން މަތީ ތަޢުލީމާއި ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.

މިއަދު އޮންލައިން