ޖަނާޒާތަކަށް ގޮސްތިބޭއިރު ބަލައިލި ކޮންމެ ދިމާއަކުން ފެންނާނީ މަހާނަތަކެވެ. އެމަހާނަތަކުގައި އެވަނީ ހަމަ އަހުރެމެން ފަދައިން ދުނިޔޭގައި އުޅުނު މީހުންނެވެ. އަހުރެމެންނަށްވުރެ ދޮށީ މީހުން އެކަންޏެއް ނޫނެވެ. އަހުރެމެންނަށްވުރެ ހަގުވެސް އެތައް ބައަކުވެއެވެ.
އެކަމުން އަންގައިދެނީ ކޮންމެ ވަޤުތަކުވެސް އަހުރެމެންނަށްވެސް މަރުވެ ވަޅުލެވެންޖެހިދާނެ ކަމެވެ. އެހިސާބުން އެމީހަކާއި ބައްދަލުކުރާނީ އެމީހަކު ކުރި ޢަމަލުތައްކަމެވެ. ސަލާމަތްކަން ލިބުން އޮތީ ހެޔޮ ޢަމަލުތައްކޮށްގެން ކަމެވެ.
ޤަބުރުސްތާނަށް ގޮސްފައިވެސް ހުސްއަތާ އެނބުރިދާ މީހުން ވަރަށް ގިނައެވެ. އެމީހުންނަކަށް މިއިން އެއްވެސް ކަމަކަށް ވިސްނައިވެސް ނުލެވެއެވެ. އެެހންވެ ޖަނާޒާތަކަށް ގޮސްފައިވެސް ތިބެނީ އަމިއްލަ ވާހަކަތައް ދައްކާށެވެ!
ޤަބުރުސްތާނަށް ޒިޔާރަތްކުރުމާއިމެދު ޑރ. ޢަލީޒާހިރުގެ ބަސްފުޅެއް-:
ޤަބްރުސްތާނަށް ޒިޔާރަތް ކުރުމާ މަރުމަތިން ހަނދާން ކުރުމަކީވެސް ނަފްސް ހިސާބު ކުރުމަށް އެހީތެރިވެދޭ ކަމެއް. ރަސޫލުﷲ ﷺ ކުރީކޮޅުގާ ޤަބްރުސްތާނަށް ޒިޔާރަތްކުރުން މަނާކުރައްވާފާ، ފަހުން އެކަމުގެ ހުއްދަ ދެއްވާފާ ޙަދީޘް ކުރައްވަނީ " كُنْتُ نَهَيْتُكُمْ عَنْ زِيَارِةِ الْقُبُورِ فَزُورُهَا فَإِنَّهَا تُزَكِّرُ الآخِرَة " ތިމަންކަލޭގެފާނު ޤަބްރުސްތާނަށް ތިޔަބައިމީހުން ޒިޔާރަތްކުރުން މަނާކުރީމޭ، ފަހެ ތިޔަބައިމީހުން މިހާރު ޤަބްރުސްތާނަށް ޒިޔާރަތްކޮށް އުޅޭށޭ! އެކަމަކީ އާޚިރަތުގެ މަތިން ހަނދުމަކޮށްދޭ ކަމެކޭ. ބައެއް ރިވާޔަތްތަކުގާ މަރުގެމަތިން ހަނދާން ކޮށްދޭ ކަމެކޭ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން