ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ރަސްމީ ރޭޓުގައި ރާއްޖޭގެ ބާޒާރަށް ޑޮލަރު ދޫކުރި މިންވަރު %80 އިތުރުވެފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެމަނިކުފާނުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު އެމްޑީޕީގެ 13 މެންބަރަކު ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަށް ޖަވާބުދާރީވެވަޑައިގަންނަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކާއި ފާއިތުވި މުއްދަތުގައި ހޯދިފައިވާ ކުރިއެރުންތަކުގެ ތަފާސްހިސާބުތައް މަޖިލީހާ ހިއްސާކުރައްވާފައެވެ. އެގޮތުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ފަހު ތިން އަހަރާ އަޅައިބަލާއިރު، މި ސަރުކާރުން ރަސްމީ ރޭޓުގައި ޑޮލަރު ދޫކުރި މިންވަރު ބޮޑުތަނުން އިތުރުކޮށްފައިވާ ކަމަށާއި، މަހެއްގެ މައްޗަށް ޑޮލަރު ދޫކުރި މިންވަރު ގާތްގަނޑަކަށް %97 އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޑޮލަރު ދޫކުރި މިންވަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު:
- 2024 ވަނަ އަހަރު: 483.53 މިލިއަން އެމެރިކާ ޑޮލަރު
- 2025 ވަނަ އަހަރު: 733.82 މިލިއަން އެމެރިކާ ޑޮލަރު
- މި އަހަރުގެ މިހާތަނަށް: 718.53 މިލިއަން އެމެރިކާ ޑޮލަރު
މީގެ އިތުރުން، ފާއިތުވި ހަތަރު ވެރިކަމުގެ ދައުރުގައި ރާއްޖޭގައި ރަޖިސްޓްރީކުރި ބޭރުގެ އިންވެސްޓްމަންޓްތަކުގެ އަދަދުތަކަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މި ހޭދަވި މުއްދަތުގައި 313 ފޮރިން އިންވެސްޓްމަންޓް ރަޖިސްޓްރީކުރެވިފައިވާ ކަމަށެވެ. މިއީ ތާރީޚީ ގޮތުން ފާހަގަކޮށްލެވޭ ފަދަ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ފާއިތުވި ދައުރުތަކުގައި ރަޖިސްޓްރީކުރެވުނު އިންވެސްޓްމަންޓްތަކުގެ އަދަދުތައް:
- 2008 ން 2013 އަށް: 212 އިންވެސްޓްމަންޓް
- 2013 ން 2018 އަށް: 406 އިންވެސްޓްމަންޓް
- 2018 ން 2022 އަށް: 245 އިންވެސްޓްމަންޓް
- މި ސަރުކާރުގެ ފުރަތަމަ 3 އަހަރު: 313 އިންވެސްޓްމަންޓް
ވަޒީރު ސަޢީދު ވިދާޅުވީ، ދުނިޔެއާއި ރާއްޖޭގެ އިޤްތިޞާދަށް ގޮންޖެހުންތައް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައިވެސް، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށާއި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ހެޔޮ ބަދަލުތަކެއް ފެންނަމުންދާ ކަމަށެވެ.